ރާއްޖޭގެ ސީނިއަރ އެތްލެޓިޗްސް ޓީމަށް ތަމްރީނުތައް ކުރިޔަށް ގެންދިއުމަށް އިންޑިޔާ ސަރުކާރުން ސްކޮލަރޝިޕެއް ދެއްވައިފިއެވެ.
މިކަން ޢިއުލާން ކުރައްވާ އޭޝިއަން ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ އެތްލެޓިކްސް ޓީމާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބަސަޑަރ އަކިލޭޝް މިޝްރާ ބައްދަލުކުރައްވާވަނީ ހިތްވަރު ދެއްވާފައެވެ. ޖުލައި ހަޔަކުން ނުވަޔަކަށް އިންޑިޔާގައި އޮންނަ މިމުބާރާތުގެ ކުރިން ރާއްޖޭގެ އެތްލެޓިކްސް ޓީމް އިންޑިޔާގައި ޚާއްސަ ތަމްރީނު ތަކެއް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި އެމްބަސަޑަރ އަކިލޭޝް މިޝްރާ ވިދާޅުވީ ރާއްޖޭގެ ޒުވާން އެތްލީޓުން ކުރިއެރުވުމަށް އިންޑިޔާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އުއްމީދަކީ އޭޝިއަން ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން ވަނައެއް ލިބުން ކަމަށެވެ. މި ބައްދަލުވުމުގައި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤާއި ރާއްޖޭގެ ކުޅިވަރުގެ މައިދާނުން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުން ބައިވެރިވެލެއްވިއެވެ.
މީ އިންޑިޔާ ސަރުކާރުން ދެއްވި ސްކޮލަރޝިޕެއްކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ. އިންޑިޔާގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމަށް ރާއްޖޭގެ އެތްލީޓުން ފުރާނީ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. 10 އެތްލީޓުން ހިމެނޭ މި ޓީމް އެނބުރި މާލެ އަންނާނީ އޭޝިއަން ޗެމްޕިއަންޝިޕް ނިންމުމަށްފަހުއެވެ. މިޓީމްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދުވެސް ހިމެނެއެވެ.