ޚަބަރު

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ގިނަ!!


މިދިޔަ މަހު އެންމެ ގިނަ ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާތަކުގެ މައްސަލަތައްކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެލެމީން ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން އާއްމުކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ޖުމްލަ 272 މައްސަލަ ހުށައަޅާފައިވެއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 122 މައްސަލަ ހިމެނެއެވެ. މިއީ މިދިޔަ މަހު ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 40 އިންސައްތައެވެ.

ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ 37 މައްސަލަ މިދިޔަ މަހު ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރެއިން 21 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފިރިހެން ކުދިންނާ ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލަތަކެވެ. ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުޑަކުދިންނަށް އިހުމާލުވުމުގެ 33 މައްސަލައާއި ޖިންސީ އަނިޔާގެ 25 މައްސަލައާއި ނަފްސާނީ އަނިޔާގެ 7 މައްސަލައާއި ހަނގާކުރުމުގެ 8 މައްސަލަ، މިދިޔަ މަހު ހުށައަޅާފައިވެއެވެ. މީގެއިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 15 މައްސަލަވެސް މިދިޔަމަހު ރިޕޯޓްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ އިތުރުން މިދިޔަ މަހުގެ ދެން އެންމެ ގިނައިން ހުށައަޅާފައިވަނީ ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާއި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމްކުރުމާ ގުޅޭ މައްސަލަތަކެވެ. މިގޮތުން ކުޑަކުދިންގެ އަޚްލާގީ 16 މައްސަލައަކާއި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމްކުރުމާ ގުޅޭ 3 މައްސަލައެއް ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ގޮތުގައި 47 މައްސަލައެއްވެސް މިދިޔަމަހު އެމިނިސްޓްރީއަށް ހުށައަޅަފައިވެއެވެ. މީގެއިތުރުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 21 މައްސަލައަކާއި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެލެމީއަށް ހުށައަޅާފައިވެއެވެ.