ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި 11 މީހަކަށް އަދިވެސް ދަނީ ފަރުވާދެމުން


ރޭގެ އިރާކޮޅު ސަމަރ އައިލޭންޑް މޯލްޑިވްސްގެ މުވައްޒަފުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 14 މީހުންގެ ތެރެއިން 11 މީހަކަށް އަދިވެސް އޭޑިކޭގައި ފަރުވާދެމުން ދާކަމަށާއި، މީގެތެރެއިން 4 މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް އޭޑީކޭއިން ބުނެފިއެވެ.

އެކްސިޑެންޓާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޕީއެސްއެމާ ޙިއްޞާކުރައްވަމުން އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ، އެކްސިޑެންޓުގައި ޙާލު ދެރަވި ހަތަރު މީހުންނަށް އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށެވެ. މީގެތެރެއިން ދެމީހެއްގެ ޙާލު ވަރަށް ސީރިއަސް ކަމަށާއި އެދެމީހުން މިހާރު ތިބީ ވެންޓިލޭޓަރުގައި ކަމަށް އައްފާލް ވިދާޅުވިއެވެ. ވެންޓިލޭޓަރުގައި ތިބި ދެމީހުންނަކީ، ރޭގެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އޮޕަރޭޝަން ކުރި ދެމީހުން ކަމަށްވެސް އައްފާލް ވިދާޅުވިއެވެ. އަދި އަނެއް ދެމީހުންގެ ޙާލު ސްޓޭބަލް ކަމަށް އައްފާލް ވިދާޅުވިއެވެ.

އެކްސިޑެންޓުގައި އަނިޔާވި އިތުރު ހަތަރު މީހުންނަން ފަރުވާ ދެމުންދަނީ، ހައި ޑިޕެންޑެންސީ ޔުނިޓުގައެވެ. މި ހަތަރު މީހުންގެ ޙާލު ރަނގަޅުކަމަށް އޭޑީކޭއިން ބުނެއެވެ. އަދި ޖެނެރަލް ކެއަރގައި ތިބި ތިން މީހުންގެ ޙާލަތުވެސް ރަނގަޅުވަމުން އަންނަކަމަށް އޭޑީކޭއިން ބުނެއެވެ. ރޭގެ އިރާކޮޅު ސަމަރ އައިލޭންޑް މުވައްޒަފުން ގޮވައިގެން ދަތުރުކުރި ލޯންޗް އެކްސިޑެންޓްވީ ފަޅުގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި ޖެހިގެނެވެ. މި ޙާދިސާގައި 14 މީހަކަށް އެކިވަރުގެ އަނިޔާވިއެވެ. ލޯންޗުގައި ތިބީ 10 ދިވެހިންނާއި 2 ބިދޭސީންނެވެ.

ސަމަރ އައިލެންޑް ރިޒޯޓްގެ މުވައްޒަފުންތަކެއް އެކްސިޑެންޓުވެ މާލެ ގެނައުމާއެކު ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެން އަނިޔާވި މީހުންގެ ހާލު ބައްލަވާފައެވެ. މިކަމާގުޅިގެން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތަކަކީ ވަރަށް ހިތާމަވެރި ހާދިސާތަކެއްކަމަށާއި، މިފަދަ ހާދިސާތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ސަރުކާރުން ވަގުތުން ވަގުތަށް އެހީތެރިވެދެއްވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ހަދިސާ ހިނގިގޮތް މިހާރު ބައްލަވަމުން ގެންދަވާކަމަށެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ކަނޑައެޅިފައި އޮންނަ އުސޫލުތަކާއި ޤަވާޢިދުތަކާއި، އެއްގޮތްވާގޮތުގެ މަތިން، ކަނޑުދަތުރުކުރާ އިރު ވީހާވެސް ސަމާލުވެގެން ދަތުރުކުރުން މުހިއްމުކަމަށެވެ.

މިހާދިސާ ހިނގުމާއެކު ލޯންޗު ކައިރިއަށް އެންމެ ފުރަތަމަ ދިޔަ މީހަކު ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ، އެތަނަށް ދިޔައިރުވެސް ބައެއް މީހުންގެ ހާލުވަރަށް ސީރިއަސް ކަމަށާއި، އެކި މީހުންގެ ގައިގެ އެކި ތަންތަނަށް ބޮޑެތި އަނިޔާލިބިފައިވާއިރު، ބައެއް މީހުން ތިބީ ހޭނެތިފައިކަމަށެވެ. އަދި ލޯންޗުގެ ފަހަތުބައި އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށާއި، އެންމެ ފުރަތަމަވެސް މަސައްކަތްކުރީ މީހުން ސަލާމަތްކުރަންކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ސަމަރ އައިލެންޑް ރިޒޯޓުން ފުރައިގެން އެރިޒޯޓުގެ ބައެއް މުވައްޒަފުން ރޭ މާލެ އަންނަނިކޮށް މިހާދިސާ ހިނގާފައިވަނީ، ސަޕްލައި ދޯނީގައި އެއްވެސް ލައިޓެއް ނުދިއްލާ ނިއްވާލާފައި އޮތުމުން، ސަމާ އައިލެންޑުން ދަތުރުކުރި ލޯންޗުގެ ކައްޕިއަށް އެ އުޅަނދު ނުފެނިގެނެވެ.