ޚަބަރު

ކުރިއަށްއޮތް 2 ދުވަހުވެސް ވިއްސާރަކުރާނެ- މެޓް އޮފީސް


ކުރިއަށްއޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށްއޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭއިރު، އުތުރުގެ އަތޮޅުތަކަށާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ޢާއްމު ގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވިފައިވާއިރު، ގަޑިއަކު ތޭވީސް މޭލާއި ނަވާވީސް މޭލު ބާރުމިނުގައި ވައިގަދަވާނެކަމަށްވެސް މޫސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ. 

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ މިއަދު އެގާރަގަޑި ތިރީހުންފެށިގެން ހަވީރު ފަސްގަޑި ތިރީސް ހިނގުމާހަމަޔަށެވެ.

އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެކަމަށާއި ކުރިއަށް އޮތް ހަފްތާގައި މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެއިދާރާއިން މައުލޫމާތުދެއްވައެވެ.