ޚަބަރު

ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ޔޫކްރެއިނަށް ލިބޭނެ- ރައީސް


ރާއްޖޭގެ ފަރާތުން ޔުކްރެއިނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އުކްރެއިން ގެ އައު ސަފީރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްވައިފިއެވެ.

ޔުކްރެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އީގޯރ ޕޮލިހާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހި ވާނެކަމަށް އުއްމީދުކުރައްވާކަމުގައެވެ. މީގެ އިތުރުން ރާއްޖެއާއި ޔުކްރައިނާ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރެވުނީ 17 އޮގަސްޓު 1993 ވަނަ އަހަރު ކަމުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. 

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ޔުކްރެއިންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

img:http://s3.psmnews.mv/images/660x400/14962339529936.jpg|ޔޫކްރެއިންގެ އާ ސަފީރު، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ޔުކްރެއިންގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޚިދުމަތް ކުރެއްވަން ފުރުޞަތު ލިބުމަކީ، އެމަނިކުފާނަށް ‏ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ‏‏ކަމުގައާއި، އެމަނިކުފާނުގެ ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން ދެ ޤައުމުގެ ލާބަޔާއި މަންފާއަސް ކުރައްވަން ބޭނުންފުޅުވާ މަސައްކަތްޕުޅުތަކުގައި ދިވެހި ސަރުކާރުގެ ފަރާތުންނާއި ޙާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14962339927350.jpg|ޔޫކްރެއިންގެ އާ ސަފީރު، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.