ޚަބަރު

ސްރީލަންކާއަށް ރާއްޖެއިން ދޭ ފައިސާގެ އެހީ ހަވާލުކުރައްވައިފި


ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ޙާލުގައި ޖެހިފައިވާ މީހުންނަށް ދިވެހި ރާއްޖެއިން ދޭ ފައިސާގެ އެހީ، އެޤައުމުގެ ސަރުކާރާ ހަވާލުކުރައްވައިފިއެވެ. 

ރާއްޖެއިން ސްރީލަންކާއަށް ދޭ އެހީ، އެޤައުމުގެ ސަރުކާރާ ޙަވާލުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ސްރީލަންކާއަށް ވަޑައިގެންނެވި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމް، ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ރަވީ ކަރުނަޔަކައާއެކު  ބޭއްވި ބައްދަލުކުރެއްވުމުގައެވެ. 

މިބައްދަލުކުރެއްވުމުގައި، ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ތައުޒިޔާ ވިދާޅުވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ އަރިހުގައި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒާހިޔާ ޒަރީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ އާމިނަތު ޢަބްދުﷲދީދީއާއި، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ ކައުންސެލަރ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.