ސިއްހަތު

ޕާކިސްތާނުން 2 އަތޮޅަކަށް ޕޯޓަބަލް އެކްސްރޭ މެޝިން ހަދިޔާކޮށްފި


ރާއްޖޭގެ ޞިއްޚީ ދާއިރާ ކުރިއެރުވުމަށް ޕާކިސްތާނު ސަރުކާރުން ދެއްވަމުންގެންދަވާ ހިލޭ އެހީގެ ދަށުން 2 އަތޮޅަކަށް ޕޯޓަބަލް އެކްސްރޭ މެޝިން ހަދިޔާކޮށްފިއެވެ. 

ޕާކިސްތާނު ސަރުކާރުން މިއެހީ ދެއްވިކަން ފާހަގަކޮށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވަނީ ހަނދާނީ ލިޔުމެއް ޕާކިސްތާން އެމްބަސީއަށް އަރުވާފައެވެ. ޕާކިސްތާން ސަރުކާރުން ދެއްވި ހަތްސަތޭކަ ތިރީސް ހަތް ހާހަށްވުރެ ގިނަ ރުފިޔާގެ އެހީގައި ޕޯޓަބަލް އެކްސްރޭ މެޝިންތައް ހަވާލުކޮށްފައިވަނީ ދ. ކުޑަހުވަދޫގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލާއި، ލ.ގަމުގައި ހުންނަ އެއަތޮޅު، އަތޮޅު ހޮސްޕިޓަލަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ޕާކިސްތާނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޤައުމުން ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ބޮޑެތި އެހީތަކެއް ދެއްވަމުން ގެންދަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ޕާކިސްތާނުގެ ހިލޭއެހީގައި ހޯދި ޕޯޓަބަލް މެޝިންތަކަކީ ރާއްޖެފަދަ ޖޯގްރަފީގެ ގޮތުން ވަކިވަކި ރަށްތަކުގައި ހުރުން މުހިއްމު ބާވަތެއްގެ އެކްސްރޭ މެޝިންތަކެއްކަމަށެވެ. 

img:http://s2.psmnews.mv/images/660x400/14962363524623.jpg|ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ދ. އަތޮޅާއި ލ. އަތޮޅަށް ފޮނުވުނު 2 ޕޯޓަބަލް އެކްސްރޭ މެޝިނާއެކު މިހާރު އެފަދަ އެކްސްރޭ މެޝިން ނުހުންނާނީ އެންމެ ދެއަތޮޅުގައިކަން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަޑް ސައިދު ޚައްވާރު އަލީ ޝާހް ވިދާޅުވީ، ރާއްޖޭގެ ސިއްޚީ ދާއިރާ ކުރިއަރުވަން ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެކަމަށާއި، އޭނެ ނަތީޖާއެއްގެ ގޮތުން ސައުތު އޭޝިޔާ ސަރަޙައްދުންވެސް ފާހަގަކުރެވޭ ކާމިޔާބީތައް ރާއްޖެއިން ހޯދަމުން އަންނަކަމަށެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޕާކިސްތާނުން މެޑިކަލް ޑޮކްޓަރުން ރާއްޖޭގައި މަސައްކަތްކުރުމަށް ފޮނުވުމާއި، ސިއްޙީ ދާއިރާއަށް އެކި ރޮނގު ރޮނގުން މީހުން ތަމްރީންކުރުން ހިމެނެއެވެ. އަދި އެގައުމުން ތަމްރީނުވުމަށް ފުރުސަތުދެވޭ ދަރިވަރުންނަށް ޚާއްސަ ރޭޓްތައް ކަނޑައަޅައި ޕާކިސްތާން ސަރުކާރުން ޤަބޫލުކުރާ އެޤައުމުގެ ޔުނިވަރސިޓީތަކަށް ވަންނަ އިރު ދިވެހި ދަރުވަރުން ހަދަންޖެހޭ ޓްރެއިނިންގ ނުހަދާ އެޑްމިޝަން ދޭގޮތަށް މިހާރުވަނީ ހަމަޖައްސަވާފައެވެ.