ޚަބަރު

އެއަރޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންނާ ހަވާލުކުރައްވައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ލޭންޑް ސައިޑުގެ ސެކިއުރިޓީ ބެހެލެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ދެއްކެވި ވާހަކަފުޅުގައި އެއަރޕޯޓުގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށާއި ސެކިއުރިޓީ ކަންކަން ބަލަހައްޓާ އެހެން ފަރާތްތައް ތިބިނަމަވެސް މިފަދަ ޚިދުމަތެއް ޕްރޮފެޝަނަލް ކަމާއެކު ދެވޭނެ ބަޔަކީ ފުލުހުންކަމަށް ވިދާޅުވިއެވެ. އަދި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތްތައް ފެށޭނެ އިންތިޒާމްތަކެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް އާދިލް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14962373546569.jpg|އެއަރޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންނާ ހަވާލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕޮލިސް

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެއަރޕޯޓް ފަދަ މުހިންމު ޚިދުމަތެއް ދޭތަނެއްގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ބެލެހެއްޓުމަކީ މުހިންމު ކަމެއްކަމަށާއި އެއަރޕޯޓްގެ އޮޕަރޭޝަންތައް ފުޅާވަމުންދާއިރު ޤަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު އެކަންކަން ބެލެހެއްޓުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި ޤަވާއިދުތަކާއި އުސޫލުތައް ދެމަހައްޓައި މަސައްކަތްތައް އެންމެ ފުރިހަމައަށް ކޮށްދޭނޭކަމުގެ ޔަޤީންކަން ދެއްވާކަމަށް ސަޢުދީ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.