ސިއްހަތު

ދުންފަތުން ދުރުހެލިވުމަށް އޭޑީކޭގައި ޚާއްސަ ކްލިނިކެއް ހުޅުވައިފި


ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް އެހީތެރިވެދިނުމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އެކަމަށް ޚާއްސަ ކްލިނިކެއް ހުޅުވައިފިއެވެ. 

"އިންޓަރނޭޝަނަލް ނޯ ޓޮބޭކޯ ޑޭ"އާ ގުޅުވައިގެން ހުޅުވި މި ކްލިނިކަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގައިވާ، ދުންފަތުން ލިބޭ ގެއްލުމާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމާއި ދުންފަތަށް ދެވި ހިފާފައިވާ މީހުން އެކަމުން ސަލާމަތް ކުރުމަށް މަގުފަހިކޮށްދިނުމަށް ހުޅުވި ކްލިނިކެކެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ހުޅުވި ކްލިނިކާ ބެހޭގޮތުން ވާހަކަދައްކަވަމުން އޭ.ޑީ.ކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްއާލް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރުމުން ދިމާވާ ސިއްހީ މައްސަލަތައް އެތައް ގުނައަކަށް އިތުރުވަމުންދާކަމަށެވެ. އަދި މިއަދު ހުޅުވިގެންދިޔަ ކްލިނިކްގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތަތަކަށް އެކަމަށް މަގުފަހިވެގެންދާނޭކަމަށް އައްފާލު ވިދާޅުވިއެވެ. 

މި ކްލިނުކުން ހިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. އޭ.ޑީކޭގައި ހުޅުވުނު މިކްލިނިކުން ހިދުމަތްދޭން ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު ދިހަގަޑި ސުންމިނެޓުން ބާރަގަޑި ސުންމިނެޓަށެވެ. އައްފާލް ވިދާޅުވީ، ކްލިނިކަށް ލިބޭ ތަރުހީބަށް ބެއްލެވުމަށްފަހު ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކަށް ބަދަލު ގެންނާނެކަމަށެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން ވަނީ މިކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގާފައެވެ. މިޕްރޮގްރާމްގައި ޖުމްލަ 15 ފަރާތެއް ތަމްރީންކޮށްފައިވާއިރު އޭ.ޑީ.ކޭގެ 4 މުވައްޒަފުން މީގެ ތެރޭގައި ހިމެނެއެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ދަމަނަވެށި، ސެނަހިޔާ އަދި އެޗް.ޕީ.އޭގެ ފަރާތުން ބައިވެރިވިއެވެ.