ވިޔަފާރި

ރާއްޖެއިން ބޮންޑް ހުޅުވާލުމާއެކު ސަބްސްކްރިޕްޝަން ދެގުނައަށް!


ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މާކެޓަށް ބޮންޑެއް އިޝޫކުރުމަށް ރާއްޖެއިން އިއްޔެ ހުޅުވާލުމާއި އެކު މަދު ވަގުތުކޮޅެއްތެރޭގައި ދެގުނައަށް އޯވަ ސަބްސްކްރައިބް ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. 

މި ބޮންޑަކީ 200 މިލިއަން އެމެރިކާ ޑޮލަރު 5 އަހަރުގެ މެޗުއަރިޓީ ގެ ބޮންޑެކެވެ. މި ބޮންޑް އިޝޫކުރައްވާ ސިންގަޕޯރ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖެއިން ބޮންޑް ވިއްކުމަށް ހުޅުވާލުމާއެކު، ބައިނަލްއަޤްވާމީ އިންވެސްޓަރުގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންއަންނަކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

މި ބޮންޑަށް މާކެޓުން ހުށަހަޅާފައިވަނީ %7 ގެ ކޫޕަން ރޭޓެކެވެ. މި ރޭޓަކީ ފުރަތަމަ ފަހަރަށް މާލީ ބާޒާރަށް ނުކުމެފައިވާ ޤައުމުތަކާއި އަދި ދިވެހިރާއްޖެއާއި އެއްމިންވަރެއްގެ ކްރެޑިޓް ރޭޓިންގް ލިބިފައިވާ ޤައުމުތަކައި އަޅާކިޔޭނެ ރޭޓެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. މިބޮންޑަށް މޫޑީސްއިން ދީފައިވަނީ ބީ ޓޫގެ ރޭޓިންއެކެވެ.

އަދި ފިޗް އިން ދީފައިވަނީ ބީ ޕްލަސްގެ ރޭޓިންއެކެވެ. މިރޭޓިންގ އަކީ ދިވެހިރާއްޖެއަށް ކުރިން މިދެ ރޭޓިންގް އޭޖެންސީއިން ދީފައިވާ ސޮވެރިންގ ކްރެޑިޓް ރޭޓިންއާ އެއް ރޭޓިންގ އެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. ދިވެހި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެވެ. މީގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖެއާ މެދު އޮތް އިތުބާރު ބޮޑުވެ، ބޮންޑުގެ ޔީލްޑް، ކުރިމަގުގައި ދަށް ކުރެވިގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. މިބޮންޑު ވިއްކައިގެން ލިބުނު 200 މިލިއަން އެމެރިކާ ޑޮލަރު ބޭނުންކުރުމަށް ނިންމާފައިވަނީ 2017 ވަނަ އަހަރުގެ ފާސްކުރި ބަޖެޓުގައިވާ ތަރައްޤީގެ މަޝްރޫއުތައް ފައިނޭންސް ކުރުމަށްކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. 

މިކަމުގެ ސަބަބުން ތަރައްޤީގެ ގެ ދުވެލި އިތުރަށް ހަލުވިވެ ރާއްޖޭގެ ރައްޔިތުންނަށާއި މުޅި އިޤްތިސާދަށް ކުރިއެރުން ލިބޭނެކަމަށް ފިނޭސްމިނިސްޓްރީން ވިދާޅުވެއެވެ. 

އަދި ދުނިޔޭގެ ބާޒާރުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށް ފެށްޓެވި މަސައްކަތަކީ ޤައުމެއްގެ ހައިސިއްޔަތުން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓްރީން ދެކެއެވެ. 

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ ވަކިވެ، ތަރައްޤީވަމުން އަންނަ ޤައުމެއްގެ ގޮތުގައި ކުރިއަށް ދާއިރު، ބައިނަލް އަޤްވާމީ ބާޒާރުން ފައިނޭންސް ހޯދުމަކީ ދިވެހިރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމެއްގެގޮތުގައި ތަސައްރަފު ފުދިފައިވާކަމުގެ ނިޝާނެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވެ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ނުގެއްލި، ޤައުމުގެ ތަރައްޤީ ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަމެއްކަންވެސް މިނިސްޓްރީން ފާހަގަކުރައްވައެވެ. 

މީގެ އިތުރުން މި ބޮންޑަށް ބައިނަލްއަޤްވާމީ މާލީ ބާޒާރުން، އޭޝިއާ އާއި ޔޫރަޕުގެ އެސެޓްމެނޭޖަރުންނާއި ބޭންކްތަކުން އިންވެސްޓްކޮށް، ލިބިގެން މިދިޔަ ތަރުހީބުން އެނގިގެން ދިޔައީ، ދިވެހިރާއްޖެއާ މެދު ބޭރުގެ އިންވެސްޓަރުން މެދުގައި އޮތް އިތުބާރުކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. 

މިއީ ވޭތުވެދިޔަ ތިން އަހަރުދުވަހުގެތެރޭގައި ސަރުކާރުން ފަށްޓަވައިފައިވާ ތަރައްޤީގެ މަޝްރޫއުތަކާއި އިޤްތިސާދީ ތަސައްވުރާއި ސިޔާސަތުތަކަށް ބައިނަލްއަޤްވާމީ މާލީ ބާޒާރުން ދިން ފުރިހަމަ ޔަގީންކަމާއި ރާއްޖޭގެ ތަރައްޤީގައި ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަމާއި ބައިވެރިވުން އިތުރަށް އޮތްކަމުގެ ނިޝާނެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އިއްޔެ ކާމިޔާބުކަމާއެކު މިވިއްކި ބޮންޑުގެ ސަބަބަބުން ރާއްޖޭގެ ކުންފުނިތަކަށް ބައިނަލްއަޤްވާމީ މާލީބާޒާރުން ފައިނޭންސް ހޯދުމަށް އައު ދޮރުތަކެއް ހުޅުވޭނެކަމަށް މިނިސްޓްރީން ޤަބޫލުކުރައްވައެވެ.