ވިޔަފާރި

ހުޅުމާލޭގައި ރޯދަމަހަށް ޚާއްޞަ ތިން މާރުކޭޓު


ހުޅުމާލޭގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހައިން ލިބޭނެގޮތް ހަދަން މީހުން ދިރިއުޅޭ ތިން ސަރަހައްދެއްގައި ވަގުތީ މާރުކޭޓްތަކެއް ހަދައިފިއެވެ.

ރަމަޟާންމަހަށް ޚާއްޞަކޮށްގެން ހުޅުމާލޭގެ މީހުންދިރިއުޅޭ ތިން ސަރަހައްދެއްގައި އެޗްޑީސީން ވަނީ ވަގުތީ މާރުކޭޓްތައް ހަދާފައެވެ. އެއީ ކޮރަލްވިލް ފްލެޓްތައް ކައިރީގައި ހަދާފައިވާ ހުވަނދުމާ މާރުކޭޓާއި، ނިރޮޅު މަގުގައި ހުރި ނިރޮޅު މާރުކޭޓް އަދި ފުލެޓްތައް ކައިރީގައި ހަދާފައިވާ ވެށިފަހި މާރުކޭޓެވެ.

ހުޅުމާލޭގެ މި ތިން މާރުކޭޓްގައިވެސް މާލޭގެ މާރުކޭޓްގައި ލިބެން ހުންނަ ހުރިހާ ބާވަތެއްގެ މޭވާއާއި ތަރުކާރީ ލިބެންހުރެއެވެ. މީގެތެރެއިން ގިނަ ބާވަތްތައް ލިބެންހުރީ މާލެއާއި އެއްއަގެއްގައެވެ. އަދި ބައެއްތަކެތި ލިބެންހުރީ މާލެއަށްވުރެ ހެޔޮއަގެއްގައެވެ. 

img:http://s2.psmnews.mv/images/660x400/14966679837829.jpg|ހުޅުމާލޭގައި ރޯދަމަހަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ވަގުތީ މާރުކޭޓެއް / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ މި މާރުކޭޓްތަކުގައި ތަކެތި ވިއްކާ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި މިތަނުގެ ވިޔަފާރި ވަރަށްވެސް ރަނގަޅެވެ. އާންމުގޮތެއްގައި ރެއެއްގެ މައްޗަށް 8،000 ރުފިޔާއާއި 9،000 ރުފިޔާ ލިބޭކަމަށް އެފަރާތްތަކުން ބުނެއެވެ.

ހުޅުމާލޭ ވަގުތީ މާރުކޭޓުގައި ވިއްކޭނީ ރަމަޟާން މަހަށް ހާއްސަ ކެއިންބުއިމުގެ ބާވަތްތައްކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލޭ މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި މާރުކޭޓްތަކުައި ވިއްކާ ތަކެތީގެ އަގު ހުންނަން ވާނީ މާލޭގެ ލޯކަލް މާރުކޭޓުން އާއްމުކޮށް އެފަދަ ތަކެތި ވިއްކަން ހުންނަ އަގާއި އެއްވަރެއްގެ އަގެއްގައިކަމަށްވެސް އެޗްޑީސީން ބުނެއެވެ. މި ތިން ސަރަހައްދުގައި ޖުމްލަ ފަންސާސް ހަތަރު ގޮޅި ހުންނާނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.