 
					
									
			ރާއްޖޭގެ ފަރުތަކާއި ކަނޑޫފާތަކާއި ކުޅިތަކުގެ ތަފްސީލް މަޢުލޫމާތު ހިމެނޭގޮތަށް ބްލޫ ޕީސްއިން އެޖަމްޢިއްޔާގެ ވެބްސައިޓް އިފްތިތާހްކޮށްފިއެވެ.
 
މި ވެބްސައިޓަކީ ސްކޫލް ދަރިވަރުންނާއި، ރިސަރޗް ކުރާ ފަރާތްތަކަށް އަދި އާންމު ރައްޔިތުންނަށްވެސް ފަސޭހައިން މަޢުލޫމާތު ލިބޭގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއްކަމަށް ބްލޫޕީސް ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ. 
 
މި ވެބްސައިޓް ލޯންޗްކޮށްދެއްވީ ބުލޫޕީސްގެ ޕްރޮގްރާމް ޑިރެކްޓަރ މުޙައްމަދު ޝުޖާއުއެވެ.
 
މި ވެބްސައިޓްގައި ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ކުޅިތަކުގެ ތެރެއިން ހަތަރު ކުޅިއެއްގެ މަޢުލޫމާތު މިހާރު ހިމަނާފައިވާނެކަމަށް ބުލޫޕީސްގެ އެގްޒެކްޓިވް ޑިރެކްޓަރ ޢަލީ ރިޟްވާން ވިދާޅުވިއެވެ. އަދި އިތުރު ރަށްތަކުގައި ހުރި ކުޅިތަކާއި ފާތައް އަދި ރާއްޖޭގެ އެކި ފަރުތަކުގެ މަޢުލޫމާތު ކައިރި މުސްތަޤްބަލެއްގައި ބްލޫޕީސްގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް ރިޟްވާން ވިދާޅުވިއެވެ. މި ވެބްސައިޓުގައި މިހާރު މަޢުލޫމާތު ހިމަނާފައިވަނީ ހއ.ބާރަށާއި ހއ.ފިއްލަދޫ، ހދ.ނޭކުރެންދޫ، ހދ.ކޭލަކުނުގައި ހުރި މިފަދަ ތަންތަކުގެ މަޢުލޫމާތެވެ.