ޚަބަރު

އެންމެ އަލިގަދަތަރީގެ ގަދަ 8 ބައިވެރިން ޔަގީންވެއްޖެ


މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އޮޑިޝަންތަކުން ހޮވުނު ގަދަ 12 ބައިވެރިންނާއެކު ފެށި ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި 1438 ގެ ގަދަ 8 ބައިވެރިން ޔަގީންވެއްޖެއެވެ.

ޓެލެވިޜަން މޯލްޑިވްސް އިން ރަމަޟާންމަހު ދައްކާ ޕްރޮގްރާމްތަކުގެ ތެރެއިން ޢާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި، ޤުރުޢާން މުބާރާތަކީ، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޢާންމުކޮށް ހުޅުވާލައިގެން ޒުވާނުންނާއި އޭގެ މަތީ ޢުމުރުފުރާތަކުގެ މީހުންނަށް ޚާއްސަކޮށްގެން ބާއްވާ ޤުރުއާން މުބާރާތެކެވެ.

މިފަހަރުގެ އަލިގަދަ ތަރި މުބާރާތުގައި އެންމެ މޮޅު ހުށައެޅުންތަކެއް ދައްކައިދީގެން ގަދަ، 8 ބައިވެރިންގެ ގޮތުގައި ހޮވުނީ:

ނަސްރަތު އިސްމާއީލް،

އަލްޤާރީ މައުސޫމް ސަލީމް،

 އަލްޤާރީ މުޙައްމަދު އިސްމާއީލް،

ފާތިމަތު މާޒިޔާ،

އާމިލާ މުޙައްމަދު،

އާލިމާ ޤާސިމްފުޅު،

މަޙްތޫމާ ޝަރަފުއްދީން،

ފާފިމަތު މަލްދާ މުޙައްމަދު.

އަލިގަދަ ތަރީގެ ބައިވެރިންނަށް މާކްސް ދިނުމުގައި ބަލަނީ، ކިޔެވުމުގެ ބައިން 90 މާކްސް، އަދި ތަޖުވީދުގެ ސުލާވާލުތައް ހިމެނޭ ބަޔަށް 10 މާކްސްއެވެ.  

ކޮންމެ ހަފްތާއެއްގެވެސް އަންގާރަ ދުވަހުގެ ރެއާއި ހުކުރު ދުވަހުގެރޭ ޓީވީއެމް އިން އަލިގަދަ ތަރީގެ ޕްރޮގްރާމެއްގެނެސްދެއެވެ. އަލިގަދަ ތަރި މިހަފްތާގެ ދެ ޕްރޮގްރާމްގައި މި ސިލްސިލާއިން ވަކިވި ބައިވެރިންނަކީ، ގަދަ ނުވައެއްގެ ގޮތުގައި ހޮވުނު އަބްދުﷲ ސުއާދު، ދިހަ ވަނައަށް ހޮވުނު ހައްވާ ބަހިއްޔަތު އަދި އެގާރަ ވަނައަށް ހޮވުނު އަލްޙާފިޒް އަހްމަދު ޒާހިރުގެ އިތުރުން ބާރަވަނަ ބައިވެރިޔާ ކަމުގައިވާ އަލްޤާރީ އިބްރާހީމް އަހްމަދުއެވެ.

ކުރިއަށް އޮތް ކޮންމެ ޕްރޮގްރާމެއްގައިވެސް މިހާރުތިބި ގަދަ 8 ބައިވެރިންގެ ތެރެއިން ހުށައެޅުންތަކަށް ޖަޖު ކުރުމަށްފަހު އެންމެ ދަށުން މާކްސްލިބޭ ބައިވެރިއަކު އެލިމިނޭޓްވާނެއެވެ. އެގޮތަށް ފައިނަލް ޝޯއާއި ހަމައަށް ކޮންމެ ޕްރޮގްރާމަކުންވެސް އެއްބައިވެރިއަކު ވަކިވެގެންދާނެއެވެ.

ދަގަ ތިން ބައިވެރިންނާއެކު ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި 1438 ގެ ފައިނަލް 30 ޖޫންގައި ބޭއްވުމަށް ޕްރޮޑަކްޝަން ޓީމުންދަނީ މަސައްކަތްކުރަމުންނެވެ.

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި 1438 އިން އެއްވަނައަށްދާ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ އަގުހުރި އިނާމު ވަނީ ހުށަހަޅާފައެވެ. އިތުރު ވަނަތަކަށް ހޮވޭ ބައިވެރިންނަށް ޙައްޖުދަތުރާއި، ސްކޮލަޝިޕްތަކުގެ އިތުރުން އަގުހުރި އެތައް އިނާމްތަކެއް ލިބިގެންދާނެއެވެ.

މިއަހަރުގެ އަލިގަދަތަރީގެ ބައިވެރިން ޖަޖުކުރަނީ، އިސް ޖަޖް އަލްޤާރީ އިބްރާހިމް ޝިފާއު، އަލްޤާރީ ފާތިމަތު ރަޝީދުގެ އިތުރުން އައްޝައިޚް އަޙްމަދު މަޢުމޫންއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެހީތެރިކަމާއެކު، މިފަހަރުގެ އަލިގަދަތަރި މުބާރާތް ބާއްވާއިރު، ބައިވެރިން ފަރިތަކުރުމުގެ ކަންކަމުގައި އެހީތެރިވެދެއްވަނީ އެޔުނިވަސިޓީންނެވެ.

އެންމެ އަލިގަދަތަރި ޕްރޮގްރާމްގެ ކޯ ސްޕްންސަރަކީ، މޯލްޑިވްސް އިސްލާމިކް ބޭންކްއެވެ. އަދި ކޭޓްރިން ޕާޓްނަރަކީ ބުރުޒު ކޭޓްރިންގއެވެ.