ޗައިނާ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއަރ ނުވަތަ ކުންމިންގ ފެއަރ މާދަމާ ފެށުމަށް ތައްޔާރުވަމުންދާއިރު، މިފަހަރުގެ ފެއަރގައިވެސް ދިވެހިރާއްޖޭގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރަށް ތަޢާރަފްކުރަން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަފައިވާ ކަމުގައި އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކުންމިންގ ފެއަރއާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ޙިއްޞާ ކުރައްވަމުން އިކޮނޮމިކް މިނިސްޓަރގެ ނާއިބު އާދަމް ތައުފީޤް ވިދާޅުވީ، މިފަހަރުގެ ކުންމިންގ ފެއަރގައި އިކޮނޮމިކް މިނިސްޓްރީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން 4 ކުންފުންޏަކުން ބައިވެރިވާނެ ކަމަށެވެ. ކުންމިންގ ފެއަރގައި މިފަހަރު ތަމްސީލްކުރާ ދިވެހިރާއްޖޭގެ ޑެލިގޭޝަނުގެ އެންމެ އިސް މަންދޫބެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރގެ ނާއިބު އާދަމް ތައުފީޤެވެ. img:http://s4.psmnews.mv/images/660x400/14971728643128.jpg|ޗައިނާ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއަރ 2017 ގެ ރާއްޖޭގެ ސްޓޯލް - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ކުންމިންގ ފެއަރގައި ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ސަރުކާރުން އުފައްދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުމްތާޒްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ކުންމިންގ ފެއަރގެ މުއްދަތުގައި މި ފެއަރގައި ދިވެހި ސަރުކާރުގެ ފަރާތުން ތަމްސީލްކުރައްވާ ބޭފުޅުން ޔުނާންސް ޕްރޮވިންސްގެ އިސް މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. img:http://s1.psmnews.mv/images/660x400/14971725043349.jpg|ޗައިނާ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއަރ 2017 ގެ ރާއްޖޭގެ ސްޓޯލް - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ކުންމިންގ ފެއަރގެ ދިވެހިރާއްޖޭގެ ޕެވިލިއަންގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި ޕެވިލިއަން ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތާއި ދިވެހިންގެ މަސައްކަތްތެރިކަން ފެނިގެންދާގޮތަށްކަން ފާހަގަކޮށްލެވެއެވެ. މިފަހަރުގެ ކުންމިން ފެއަރގައިވެސް ދިވެހިރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް، ދުނިޔޭ ބާޒާރަށް ދިވެހި އުފެއްދުންތައް ނެރުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތައް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.
ދިވެހިރާއްޖެއިން މިދިޔަ އަހަރުވެސް ކުންމިންގ ފެއާގައި ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރު ދިވެހިރާއްޖެއިން ކުންމިންގ ފެއަރގައި ބައިވެރިވެފައިވަނި، ކަންޓްރީ އޮފް އޮނަރގެ ގޮތުގައެވެ. ޗައިނާގެ ޔުނާންސް ޕްރޮވިންސްގެ ކުންމިންގ ޑިއާންޗީ ކޮންވެންޝަން ސެންޓަރުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކުންމިންގ ފެއަރ ކުރިއަށްދާނީ، މި ހިނގާ ޖޫންމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.