ކުޅިވަރު

ޒޯން ޗެމްޕިއަންޝިޕް ބޭއްވުމަށް 6 ރަށަކުން ޝަޢުގުވެރިވެއްޖެ


ޒޯން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް 6 ރަށަކުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ. 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ ޒޯން ޗެންޕިއަނުންގެ މެދުގައި ކުޅެވޭ ޒޯން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ ކުޅުދުއްފުށި، ގދ.ތިނަދޫ، ދ.އަތޮޅު ކުޑަހުވަދޫ، އައްޑޫ ސިޓީ ފޭދޫ، ތ.އަތޮޅު ތިމަރަފުށި އަދި ބ.އަތޮޅު އޭދަފުށިކަމަށެވެ. ޖަވާޒް ވިދާޅުވީ ޒޯން ޗެންޕިއަންޝިޕް މުބާރާތް ކުރިއަށް ދާނީ ދެ ރަށެއްގައިކަމަށާއި އެ ދެރަށް ކަނޑައެޅުމަށްޓަކައި މިހާރުވެސް އެފްއޭއެމްގެ އޮފިޝަލުންތަށް ބައެއް ރަށްތަށް ބަލަން ގޮސްފައިވާކަމަށެވެ. މުބާރާތް ބާއްވާނެ ރަށްތަށް ނިންމާއިރު، ރަށްރަށުން ހުށައަޅާފައިވާ ބިޑަށް ވަރަށް ބޮޑަށް ބަލާނެކަމަށް ޖަވާޒު ވިދާޅުވިއެވެ. އެފްއޭއެމްއިން އެންމެ ބޮޑަށް އިސްކަމެއްދީފައިވަނީ ދަނޑުގެ ހާލަތާއި ކުޅުންތެރިންގެ އެކޮމޮޑޭޝަންގެ ކަންތަށްތަކާއި ކެއުމުގެ ހާލަތަށެވެ. 

ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ޒޯން ޗެންޕިއަންޝިޕް މުބާރާތް ބާއްވާނެ ރަށްތަށް ފައިނަލް ކުރެވޭވަރުވާނީ ހަފްތާއެއްހާ ދުވަސް ފަހުންކަމަށްވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވިއެވެ.  ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މިމުބާރާތުގައި ވާދަކުރާ ރަށްތަކަކީ ޒޯން 1ގެ ޗެމްޕިއަން ހދ. ކުޅުދުއްފުށި، ޒޯން 2ގެ ޗެމްޕިއަން ށ.މިލަންދޫ. ޒޯން 3ގެ ޗެމްޕިއަން ބ.އޭދަފުށި، ޒޯން 4ގެ ޗެމްޕިއަން އއ.މާޅޮސް، ޒޯން 5ގެ ޗެމްޕިއަން ދ.ކުޑަހުވަދޫ، ޒޯން 6ގެ ޗެމްޕިއަން ތ.އަތޮޅު ތިމަރަފުށި، ޒޯން 7ގެ ޗެމްޕިއަން ގދ.ތިނަދޫ އަދި ޒޯން 8ގެ ޗެމްޕިއަން އައްޑޫ ސިޓީ ފޭދޫ އެވެ.