 
										
			އއ. އަތޮޅާއި، ވ.އަތޮޅަށް ފުރަން އުޅުނު ހަތަރު ލޯންޗެއް ހުއްޓުވާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. 
 
އެމްއެންޑިއެފުން ބުނީ އެ ލޯންޗްތައް ހިފަހައްޓފައިވަނީ ދަތުރުފަތުރުކުރުމުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ނެތުމުގެ ސަބަބުންކަމަށެވެ. އެ ގޮތުން އެ ލޯންޗްތަކުގައި ސަލާމަތީ ސެޓްފިކެޓާއި، ލޯންޗްގެ ކެޕްޓާންގެ އަތުގައި ލައިސަންސް ނެތުމާއި، ޖީޕީއެސްއާއި، އަލިފާން ނިއްވާ ފުޅިއާއި، މެރިން ވީއެޗްއެފް ނެތްކަމަށްވެސް އެމްއެންޑިއެފުން މަޢުލޫމާތު ދެއެވެ. 
 
ފިޠުރު ޢީދު ބަންދާ  ދިމާކޮށް އޮޑި ދޯނިފަހަރު ބަލައި ފާސްކުރުމުގެ ޕްރޮގްރާމާ ގުޅިގެން، މިހާތަނަށް މާލޭ ސަރަޙައްދުން ފަންސާސް ދެ އުޅަނދެއް ބަލައި ފާސްކޮށްފައިވަކަމަށް އެމްއެންޑިއެފުން މަޢުލޫމާތުދެއެވެ. 
 
މި ޕްރޮގްރާމްގައި ބަނދަރު ސަރަޙައްދުންނާއި ކަނޑުމަތިން އުޅަނދުތައް ބަލާ ފާސްކުރުމަށް ހަމަޖެހިފައިވެއެވެ. 
 
އެމްއެންޑިއެފްގެ އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ކޯސްޓްގާޑް ސްކޮޑްރަންތަކުން އެއޭރިއާގައި ހިމެނޭ ރަށްތަކުގެ އުޅަނދުތައް ޗެކްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢޫލޫމާތުދެއެވެ.