ކުޅިވަރު

"ޤަތަރު 2022" ކޮރަޕްޝަން ރިޕޯޓް ލީކުކޮށްލައިފި


2022ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ޤަތަރުން ބިޑް ކާމިޔާބުކުރުމުގައި ކޮރަޕްޝަން ވާކަމުގެ ޙެކި ފެންނަ ލިޔުންތަކެއް ޖަރުމަނުވިލާތުން ލީކުކޮށްލައިފިއެވެ.

 ޖަރުމަނުވިލާތުގެ ނޫހެއް ކަމަށްވާ "ބިލްޑް" އިން ނެރުނު ޚަބަރުގައި ބުނެފައިވާގޮތުން ޤަތަރުން ބިޑްކާމިޔާބް ކުރުމުގައި އިންތިހާ ދަރަޖައަށް ކޮރަޕްޝަން އޮތްކަމަށް ބުނެފައިވެއެވެ. އެގޮތުން ފީފާ ބިޑް ކޮމެޓީގެ އޮފިޝަލެއްގެ ކުއްޖަކަށް ދެމިލިއަން ޑޮލަރު ދިންކަން ސާބިތުވާ ލިޔުންތަކެއްވެސް އެނޫހުންވަނީ އާންމުކޮށްފައެވެ. އަދި ބިޑް ކާމިޔާބުކުރާ ޤައުމު ޢިއުލާން ކުރުމުގެ ކުރިން ބްރެޒިލްގައި އޮތް ޕާޓީއަކަށް ފީފާގެ އޭރުގެ އެކްޒެކެޓިވް ކޮމެޓީގެ މެމްބަރުންތަކެއް ދަތުރު ކޮށްފައި ވާކަމަށާއި، އެދަތުރު ކޮށްފައިވަނީ ޤަތަރުގެ ފުޓްބޯޅަ ފެޑެރޭޝަންއަށް ނިސްބަތްވާ ޕްރައިވެޓް ޖެޓެއްގައި ކަމަށްވެސް ބިލްޑް ނޫހުންވަނީ ބުނެފައެވެ.

 މަޢުލޫމާތު ލިބޭގޮތުގައި މިމައްސަލަ ބެލުމަށް އެކުލަވާލާފައިވާ މިނިވަން އިންވެސްޓިގޭޓަރުން މިކަމާގުޅޭ ވަރަށް ތަފްސީލީ ރިޕޯޓެއް މިހަފްތާ ތެރޭ އާންމުކުރާނެއެވެ.2022 ވަނައަހަރުގެ ވޯލްޑް ކަޕް ބިޑް ޤަތަރުން ކާމިޔާބުކޮށްފައިވަނީ އުސޫލްތަކާ ޚިލާފަށް ކަމަށްބުނެ ފީފާއިންވެސް މީގެ ކުރިންވަނީ ރިޕޯޓެއް ނެރެފައެވެ. 2018ގައި ވޯލްޑް ކަޕް ބާއްވާނީ ރަޝިޔާގައި ކަމަށާއި އަދި 2022ގައި ވޯލްޑްކަޕް ބާއްވާނީ ޤަތަރުގައިކަން ފީފާއިން ޢިއުލާން ކޮށްފައިވަނީ އެކު އެކީގައި 2010 ވަނަ އަހަރުއެވެ.