ވިޔަފާރި

ހުއިފިލަނޑާ ބޮޑުކުރުމަށް، ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. ދަނބިދޫ، ކަލައިދޫ، އަދި އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ލޯނަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ ދެވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހާމަކުރައްވައިފިއެވެ.

ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ބާރަވަނަ ދުވަހުގެ ނިޔަލަށެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ލ. ދަނބިދޫ، ކަލައިދޫ، އަދި އިސްދޫގައި ކުރާއިރު، ލ. އަތޮޅުން ޖުމްލަ 150 ފަރާތަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން 2016 އަދި 2017 ގައި ހުޅުވާލެއްވި ފުރުޞަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގިނަ ބައިވެރިންތަކެއް ހޮވި މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އަދި ލޯނަށް އެދުމުގެ ފުރުޞަތު އަލުން ހުޅުއްވާލައްވާފައިމިވަނީ، ލ. އަތޮޅަށް ކަނޑައަޅުއްވާފައިވާ 150 ފުރުސަތުގެ ދަށުން އަދި އިތުރު ޖާގަ ހުރުމުންކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައެވެ.

މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށި އެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑާއެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.

ލޯނަށް އެދޭ ފޯމާއި، ލޯނާބެހޭ މަޢުލޫމާތު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv އިންނާއި، ލ. ދަނބިދޫ، ކަލައިދޫ އަދި އިސްދޫގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް އިފާޑް ގުޅިގެން ހިންގަވާ މަޝްރޫޢެކެވެ.