ކުޅިވަރު

މެކްސިކޯ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ޖަރމަނީއަށް


ފަސޭހަ ކަމާއެކު މެކްސިކޯ ބަލިކޮށް ފީފާ ކޮންފެޑެރޭޝަންސް ކަޕް ފައިނަލުން ޖަރުމަނުވިލާތް ޖާގަ ހޯދައިފިއެވެ. ގިނަބަޔަކު ހީކުރި ގޮތާ ޚިލާފަށް ރޭގެ މެޗް ޖަރުމަނުވިލާތު ޓީމުން ނިންމާލީ ހަތަރެއް އެކަކުން މެކްސިކޯގެ މައްޗަށް ކުރިހޯދައިގެންނެވެ.

 މެޗްގެ ފުރަތަމަ ހާފްވެސް ޖަރމަނީ ނިންމާލީ ދެލަނޑުގެ ލީޑަކާއެކުއެވެ. މި ދެލަނޑުވެސް ޖަރުމަނުވިލާތަށް ކާމިޔާބުކޮށްދިނީ ލިއޯން ގޮރެޒްކާއެވެ.

 ދެވަނަ ހާފްގައި ޖަރުމަނަށް ލީޑު ފުޅާކޮށްދިނީ ޓިމޯ ވާރނާއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް މެކްސިކޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މާކޯ ފަބިއަންއެވެ. ޖަރުމަނުވިލާތަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަމީން ޔޫނުސްއެވެ. ކޮންފެޑެރޭޝަންސް ކަޕް ފައިނަލްގައި ޖަރުމަނުވިލާތް ނިކުންނަން ޖެހޭނޭ ސެމީ ފައިނަލް ފުރަތަމަ މެޗްގައި ޕޯޗްގަލްގެ މައްޗަށް ކުރި ހޯދި ޗިލީއާ ދެކޮޅަށެވެ. ފައިނަލް މެޗް ކުޅޭނީ އާދިއްތަ ދުވަހުއެވެ.

 މެޗަށްފަހު ޖަރުމަނުގެ ކޯޗް ޖޯޚިމް ލޯ ބުނީ އޭނާގެ ޒުވާން ޓީމް ރޭ ދެއްކި ކުޅުމަކީ އެކުޅުންތެރިންނަށް އިތުބާރު ކުރަންވީ ސަބަބު ކަމަށެވެ. މެކްސިކޯ ކަހަލަ އުނދަގޫ ޓީމަކާ ދެކޮޅަށް މިވަރުގެ ނަތީޖާއެއް ނެރެވުނީ ޕްރެކްޓިސްގައި ކުޅުންތެރިންނަށް ކިޔާދޭ ކަންތައްތައް އެކުޅުންތެރިން ދަނޑުމަތީގައި ބޭނުން ކުރާތީ ކަމަށް ޒުވާން ޓީމަކާއެކު މިފަހަރުގެ ކޮންފެޑެރޭޝަން ކަޕާ ކުރިމަތިލި ޖޯޚިމް ލޯ ބުންޏެވެ.