ޚަބަރު

މުވައްޒަފުންނަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށައިފި


"ޗައިނީސް އެކަޑެމީ އޮފް ގަވަރނެންސް" އާއި "ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް" ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

"އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޮރ މޯލްޑިވްސް ސިވިލް ސަރވިސް 2017" ގެ ނަމުގައި މިމަހުގެ 9 އަކުން 13 އަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމަކީ، ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ޗައިނީސް އެކަޑެމީ އޮފް ގަވަރނެންސް" އާއި "ސިވިލް ސަރވިސް ޓަރެއިނިންގ އިންސްޓިޓިއުޓް" ގުޅިގެނެވެ. މި ޕްރޮގްރާމް ފެށުމަށް ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފުކާންވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ސަފީރުގެ ވާހަކައިގައި ކުރިއަށްއޮތްތަނުގައި، ޗައިނާގައި ކުރިއަށްދާ އެކި ތަމްރީން ތަކުގައި ބައިވެރިވާ ދިވެހިންގެ އަދަދު އިތުރުވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

5 ދުވަހުގެ މުއްދަތަކަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން މަތީ ފަންތީގެ ސިވިލް ސަރވަންޓުންނަށް އެޑްމިނިސްޓަރޭޝަން ދާއިރާއިން އަލަށް ތަޢާރަފްވާ ހިންގުމުގެ އުކުޅުތަކާއި އުސޫލުތަށް ދިރާސާކުރަށްވާ އެ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި ޒަމާނީ ވަޞީލަތްތަކުގެ އެހީގައި މަސައްކަތުގެ މާހައުލު އިތުރަށް ފުރިހަމަކުރާނެ ގޮތްތަށް ދަސްވެގެންދާނެއެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތުދެއްވަނީ ޗައިނާގެ ޕްރޮފެސަރުންނެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، ޗައިނާގެ ސީ.އޭ.ޖީއިން ކޮންމެ އަހަރަކުވެސް ދިވެހި ސިވިލް ސަރވަންޓުންނަށް އެކި ތަމްރީން ޕޮރޮގްރާމްތައް ހިންގަމުން ދާކަމަށެވެ. އަދި ދިވެހި ސިވިލް ސަރވަންޓުން ޗައިނާއަށް ގެންގޮސްގެންވެސް ތަމްރީންތައް ދެމުންދާކަން ޑރ.އަލީ ޝަމީމް ފާހަގަކުރެއްވިއެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސީ.އޭ.ޖީން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މިއަދު ބޭއްވި މި ޕްރޮގްރާމަކީ މިފަދަ ގޮތަކަށް ރާއްޖޭގައި ބޭއްވޭ ދެވަނަ ޕްރޮގްރާމެވެ. މިއަހަރު ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމަށް 45 އަހަރު ފުރޭއިރު ރާއްޖޭގެ ތަރައްޤީއަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ޗައިނާ ސަފީރުދެއްވައެވެ.