ޚަބަރު

"މަސްތުވާތަކެތިން ސަލާމަތްވާ ފަރާތްތަކަށް ފުރުސަތު ދޭންޖެހޭ"


މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެގެން މުޖުތަމަޢުއަށް ނުކުންނަ މީހުން ބާކީ ނުކުރުމަށާއި، މުއައްސަސާތަކުން ވަޒީފާ ދިނުމުގައިވެސް ތަފާތު ނުކުރުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަހުމަދު އިލްތިމާސްކުރައްވައިފިއެވެ. 

ބައިނަލް އަޤްވާމީ ގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅިވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ.  

ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަހްމަދު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނާއި ދެކޮޅަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. އަދި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަންވެސް އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރަމުންދާ ޒުވާނުން އެވަބާއި ދުރުކުރުމަށް ސަރުކާރުން ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ޒުވާނުންނަށް ފަރުވާދެމުން ގެންދާކަމަށެވެ. އަދި މި މަސައްކަތުން ގިނަ ޒުވާނުންތަކެއް ރަގަޅުވެގެން މުޖްތަމައަށް ނުކުންނަކަން މިނިސްޓަރ އަޒްލީން ފާހަގަކުރެއްވިއެވެ. އެހެންމަވެސް މިފަދަ ޒުވާނުންނަށް ބައެއް ފަރާތްތަކުން ވަޒީފާ ދިނުމާއި އެހެނިހެން ކަންކަމުގައިވެސް ތަފާތުކުރުންތައް ގެންގުޅޭކަމަށާއި އެގޮތަށް އެކަން ނުކޮށް އެފަދަ ޒުވާނުންނަށް މުޖްތަމައުގެ އަޅާލުމާއި އެއްބާރުލުން ދިނުމަށްވެސް މިނިސްޓަރ އަޒްލީން އިލްތިމާސްކުރެއްވިއެވެ.  

މިނިސްޓަރ އަޒްލީން ވިދާޅުވީ މާލެއާއި ރަށްރަށުގައި މަގުތަކަށް ގިނަވެފަ ތިބި އެތައް ޒުވާނުންނެއް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ، ސަރުކާރުގެ ވައުދާއި އެއްގޮތަށް އެފަދަ ޒުވާނުން މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް މިއަދު ވެފައިވާކަމަށެވެ. އެގޮތުން ކުރިން މަސްތުވާތަކެތި ބޭނުންކުރި ބައެއް ޒުވާނުން އެ ވަބާއިން ސަލާމަތްވެ ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޮޑެތި މަގާމުތަކުގައި ތިބިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސަލަރ،ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދަރިން އެންމެ ޅަފަތުން ފެށިގެން އިސްލާމީ ތަރުބިއްޔަތު އެކުދިންނަށް ދޭންޖެހޭކަމަށެވެ. އަދި މި ތަރުބިއްޔަތު ދިނުމަކީ ކޮންމެ ބެލެނިވެރިއަކާއި މުދައްރިސެއްގެ ވެސް ޒިންމާއެއްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެންޓި ޑްރަގް އެމްބެސެޑަރެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާގެ ޕްރެޒެންޓަރ މޫސާ ވަސީމް ދެ އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާފައެވެ. ބައިނަލް އަގްވާމީގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ސައްބީސްވަނަ ދުވަހެވެ.