ޚަބަރު

"ދައުލަތުން ނެގި ފައިސާ ހަވާލުކުރުމުން އަދީބަށް ބޭހަށް ދެވޭނެ"


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ އޭނާ ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދައްކާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕީޕީއެމް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ނުދެއްވާކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިނގާފައިވާ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތުތައްވެސް އިދިކޮޅު ފަރާތްތަކުން ގެންދަވަނީ ރައީސް ޔާމީނަށް އަމާޒުކުރަމުންނެވެ.

އެހެންނަމަވެސް ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، އަދީބު ނެންގެވި ފައިސާ އަނބުރާ ދައުލަތަށް ނުދައްކަވަނީސް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމުގެ ހުއްދަ ނުދެއްވޭނެކަމަށެވެ. އަދީބުގެ ބޭސްފަރުވާއަށް އޭނާ އަމިއްލަފުޅު ޚަރަދުގައި ރާއްޖެއިން ބޭރުން ކިތަންމެ ބައިވަރު ޑޮކްޓަރުން ގެނައުމުގެ ފުރުޞަތުވެސް އެބައޮތްކަމަށާ އެކަމަށް ސަރުކާރުން އެއްވެސް މިންވަރަކަށް ހުރަސްނާޅާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައިޖީއެމްއެޗުގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން އަދީބަށް ބޭސްކުރަންވެސް ހުއްދަ ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ހެޔޮ އެދޭ ފަރާތްތަކުން ކެމްޕޭނަށްދިން ފައިސާ މެނޭޖްކުރުމުގެ ކަންކަން ކުރެއްވީ އަދީބު ކަމަށާ، އަދީބު ދައުލަތުން ފައިސާ ނަގަމުން ދިޔަކަން އެނގިވަޑައި ނުގަންނަވާ ކަމަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ހެޔޮ އެދޭ ފަރާތްތަކުން ދިން ފައިސާގެ ތަފްސީލްތައް އަދީބުގެ އަތުގައި ހުންނާނެ ކަމަށާއި އެ ތަފްސީލްތައް ހޯދަން އަދީބުގެ ކިބައިން އޭރު އެދިވަޑައިގެންފައި ވާނެކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެފްޕީއައިޑީގެ ޚިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާވެސް އެއްވެސް ސަރުކާރަކުން ހޯދަން މަސައްކަތްކޮށްފައި ނުވާކަމަށެވެ. ޚިޔާނާތުގެ ފައިސާ ހޯދުމަށް މަސައްކަތް ކުރާ ހަމައެކަނި ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރުކަމަށާއި، ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.