ޚަބަރު

އަސޭލާއަކީ ފާރިސް ތައާރަފްކޮށްދެއްވި މީހެއް - ރައީސް


ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ސިހުރު ހަދައިގެންކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކާމެދު ފުރަތަމަފަހަރަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވައިފިއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅުދެއްކެވީ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސްރީލަންކާގެ އަސޭލާ ނަމަކަށްކިޔާ ސިހުރުވެރިޔަކު މެދުވެރިކޮށް ސިހުރު ހެއްދެވިކަމަށް ރައީސް ޔާމީންގެ މައްޗަށް އިދިކޮޅު ސިޔާސީ މީހުން ކުރާ ތުހުމަތުތަކާގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަސޭލާ ކިޔާ މީހަކާ ބައްދަލުވިކަމަށާ، އޭނާއާ ބައްދަލުކުރުވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންކަމަށާ، އެކަން ހިނގީ ޕީޕީއެމް އޮފީސްތެރޭގައިކަމަށެވެ.

img:http://s3.psmnews.mv/images/660x400/14997942103290.jpg|ޕީޕީއެމްގެ ޕްރެސް ކޮންފަރެންސްގައި ރައީސް ޔާމީން އަދި އެޕާޓީގެ އިސްބޭފުޅުން / ފޮޓޯ: ޕީއެސްއެމް

އަސޭލާގެ އެހީގައި ސިހުރު ހެދިކަމަށް ބުނާ ވާހަކަ ދޮގު ކުރައްވާ ރައީސް ވިދާޅުވީ، ސިހުރު ހަދައިގެން ވެރިކަމެއް ލިބޭނެ ކަމަށް އަދި ރައްޔިތުންގެ ވޯޓް ލިބޭނެކަމަށް ޤަބޫލު ކުރުމަކީ މޮޔަ ޚިޔާލެއްކަމަށާ، ސިހުރު ހާހޫރައިން ކަންކަން ޙާޞިލްކުރުމަކީ އެމަނިކުފާނު ޤަބޫލުކުރައްވާކަމެއް ނޫންކަމަށެވެ.

އަސޭލާ ކައިރިން ސިހުރު ހެދިކަމަށް ބުނެ ޢާންމުކޮށްފައިވާ އޯޑިއޯއާ ގުޅޭގޮތުން ރައީސް ވިދާޅުވީ އޯޑިއޯއަކީ ހެދޭނެ އެއްޗެއް ކަމަށެވެ. އެފަދަ އޯޑިއޯއަކީ ޝަރީއަތުގައި ކަމެއް ސާބިތު ކުރެވޭނެ އެއްޗެއްވެސް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.