ޚަބަރު

ހުޅުމާލޭގައި އިތުރު 2 ޖަނަރޭޓަރު އިންސްޓޯލްކޮށްފި


ހުޅުމާލެއަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މިދިޔަ ހަފްތާގައި ހުޅުމާލޭގައި ދެ ޖަނަރޭޓަރު އިންސްޓޯލްކޮށް، އިތުރު ދެ ޖެނަރޭޓަރު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ހުޅުމާލެއަކީ ރާއްޖޭގައި މިހާރު އެންމެ ބާރު ދުވެލީގައި ތަރައްޤީވަމުން އަންނަ އެއްތަން ކަމަށްވާއިރު، ދުވަހެއް ދުވަހަކަށް ހުޅުމާލޭގެ އާބަދީވެސް މިދަނީ އިތުރުވަމުންނެވެ. ހުޅުމާލޭގައި އަލަށް އިމާރާތްކުރަމުންދާ ސަތާރަހާސް ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރަމުންއަންނައިރު، އެ އުނިޓްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ވަނީ ހުޅުމާލޭގައި މިހާރު ހުރި ޖަނަރޭޓަރުތަކުގެ އިތުރުން 1.6 މެގަ ވޮޓްގެ ދެ ޖަނަރޭޓަރު ގެނެސް އިންސްޓޯލުކޮށްފައެވެ. އަދި ކަރަންޓު ބޭނުންވާ ނިސްބަތަށް ބަލާ އިތުރު ޖަނަރޭޓަރ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޒުހޫރު ވިދާޅުވިއެވެ.

ސްޓެލްކޯއިން މާލެއަށް ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެކުންފުނިން ވަނީ ދާދި ފަހުން މާލޭގައި ނުވަ މެގަވޮޓުގެ ޖަނަރޭޓަރެއް ބަހައްޓައި ޚިދުމަތް ފޯރުކޮށްދެމުންނެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޒުހޫރް ވިދާޅުވީ އެކުންފުނިން ހަލުވިކަމާއެކު މިހާރު ކުރަމުންދަނީ މާލެ ސަރަޙައްދަށް ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކަމަށެވެ.

"މާލެއާ ހުޅުމާލެއަށް ބޭނުންވާ ކަރަންޓު، ބޭނުންވާ މިންގަޑަކުން ބޭނުންވާ ސްޕީޑުގައި ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން އެބައޮތް. މިހާރު މާލެއާ ހުޅުމާލެއަށް ދިމާވެފައިވާ ކަރަނޓުގެ ކެޑުމުގެ މައްސަލައަކީ ޖަނަރޭޓަރު ނެތިގެން ނުވަތަ ބާ ވެގެން ދިމާވާ މަސައްލައެއް ނޫން. އެމައްސަލަތައް މައިގަޑު ގޮތެއްގައި ދިމާވާނީ ނެޓް ވޯކުތެރޭއިން. އޭގެތެރެއިން އޯވާލޯޑް ވުމާ، ކުރީގެ ބާ ނެޓްވޯކްއާއި އާ ނެޓްވޯކް ގުޅި އޯވާރ ހީޓްވުމާ، ރެސިސްޓެންޓް ނުލިބުގެ ސަބަބުން އޯވަރ ހީޓުވުމުގެ މައްސަލަތަކާ، ސެޑިއުލް މެއިންޓެނަންސްގެ ސަބަބުން ދިމާވާ މައްސަލަތައް އެބަހުރި. މިގޮތުން ކޮންމެ ސެޑިޔުލް މެއިންޓެނަންސްއެއްގެ މައްސަކަތަކީވެސް ގަޑިއިރަކަށް ކަރަންޓު ކަޑާލައިގެން ހިދުމަތް ދޭންޖެހޭނެ ތައްތަން. އެއްވެސް ހާލެއްގައި ކަރަންޓު ނުލިބިގެން ނުވަތަ ފޯރުކޮށްނުދެވިގެން އެއްވެސް ހިދުމަތެއް ފޯރުކޮށްނުދެވިފައެއް ނޯންނާނެ" ޒުހޫރު ވިދާޅުވިއެވެ. 

މާލޭ ސަރަޙައްދުގެ ކަރަންޓު ވިއުގަ ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ކުރިއަށްގެންދަވާ "ސްޓެލްކޯ ފިފްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"އަކީ ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގާފައި ނުވާވަރުގެ ބިޔަ ޕްރޮޖެކްޓެކެވެ. ޗައިނާގެ ޑޮންގ ފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ދެއަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައެވެ.