ޚަބަރު

"ހަމަޖެހުން ނަގާލާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނަން"


ރާއްޖޭގެ ހަމަޖެހުމާއި އެއްބައިވަންތަކަން ނެތްކަން ދެއްކުމައްޓަކައި ޤާނޫނާއި ޚިލާފަށް، ކުރަމުންގެންދާ ކަންކަމަށް ޤާނޫނުގައިވާ ގޮތުގެ މަތީން އެއްވެސް މީހަކު ތަފާތުކުރުމެއްނެތި ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ އިހްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުގެ ދައުވަތަކަށް ބޭރުޤައުމެއްގެ އެންމެ އިސްވެރިއަކު ކުރެއްވި ޒިޔާރަތާއި ދިމާކޮށް ދިވެހި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނެތްކަން ދެއްކުމައްޓަކައި، މަދު ބަޔަކު މަސައްކަތް ކުރިކަމަށެވެ. އަދި ހަޤީޤަތާ ޚިލާފު މަންޒަރުތައް ބޭރުގެ ފަރާތްތަކަށް ދެއްކުމަށް ދިވެހިންގެ ބަޔަކު މަގުތަކަށް ނުކުމެ ހިންގީ ޤާނޫނާއި ޚިލާފު، ވަރަށް ނާތަހުޒީބު އަމަލުތަކެއްކަމަށް ހޯމް މިނިސްޓަރީގެ ބަޔާންގައި ވިދާޅުވެފައިވެއެވެ. އަދި މިނިވަންދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކަށް ހުރަސްއެޅޭފަދަ ގޮތަކަށް އެފަދަ ފަރާތްތަކުން މަސައްކަތްކުރިކަން ފާހަގަކުރެއްވުނުކަމަށާއި، ނާތަހުޒީބު މިފަދަ އަމަލުތަކަކީ މިއަދު ދިވެހިރައްޔިތުން ބަލައިގަންނަ ކަންކަމެއް ނޫންކަމަށްވެސް މިނިސްޓްރީން ފަހަގަކުރައްވާފައިވެއެވެ.

ހަމައެހެންމެ ރާއްޖޭގައި އިސްމަޤާމުތަކެއް ފުރުއްވާފައިވާ، ޢިއްޒަތާއި ޤަދަރު ލިބިވަޑައިގެންތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުން އެފަދަ ނާތަހުޒީބު، ޤާނޫނާއި ޚިލާފުކަންކަން ކުރުމަށް ހިތްވަރުލިބޭ ފަދަގޮތަކަށް ވާހަކަފުޅުދައްކަވާ، ރާއްޖޭގެ އަގުވެއްޓޭކަން ދައްކުވައިދޭ ކަންކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާތީ ސަރުކާރުން އެކަމާ ނުހަނު ކަންބޮޑުވެ، ހިތާމަކުރައްވާކަމުގައި މިބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި މިއީ މިއަދު ދިވެހި ރައްޔިތުން ތާޢީދުކުރާކަމެއް ނޫންކަންވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޤާނޫނާއި ޚިލާފު ނާތަހުޒީބު އެފަދަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތަކާއި، އެކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ޤައުމުގެ ހަމަޖެހުމަށް ބުރޫއަރާގޮތަށް އަމަލުކޮށް، މަގުތަކުގެ އަމާންކަން ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އާޅާނެކަމަށެވެ. މީގެ އިތުރުން ޤައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލި ރައްޔިތުންގެ މެދުގައި ދެކޮޅުވެރިކަމާއި، ފިތުނައާއި، ނަފުރަތު އުފެދޭފަދަ ޣައިރުޤާނޫނީ އެއްވުންތަކާއި، ދިވެހި ފުލުހުންނާއި ކުރިމަތިލުންފަދަ، ކަންކަމަކީ، މިއަދު ތުއްތު ކުދިންނަށާއި، ޒުވާނުންނަށް ދެއްކޭ ނޭދެވޭ މަންޒަރުތަކެއްކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެފަދަ ޣައިރު ޤާނޫނީ ކަންކަމުން ދިވެހިން އެކަހެރިވެ އެކަންކަމުގައި ބައިވެރިނުވުމަށް މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓްރީގެ ބަޔާނުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން، ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުކަމުގައިވާ ކާނިވާ ސަރަހައްދު ފިޔަވައި މާލޭގެ އެހެން އެއްވެސްތަކެއްގައި، އެއްވެސް ބާވަތެއްގެ އެއްވުމެއް، ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް، ފުލުހުން ލިއުމުންދޭ ހުއްދައަކާއި ނުލައި، ބޭއްވުމަކީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފުއަމަލެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ޤާނޫނާއި ޚިލާފު އެއްވުންތަކުން ހައްޔަރުކުރެވޭ ފަރާތްތަކާއިމެދު، ޤާނޫނީ ފިޔަވަޅުއަޅައި އެފަރާތްތަކުގެ މައްސަލަ ޝަރީޢަތައް ފޮނުވޭނެކަމުގައި ސަރުކާރުންވަނީ އަންގަވާފައެވެ. ހަމައެހެންމެ، އެއްވެސް މީހަކީ ޤާނޫނަށްވުރެ މަތީގައިވާ މީހަކަށްނުވާތީ، ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުމުގައި އެއްވެސް ފަރުދަކު އިސްތިސްނާ ނުވާނެވާހަކަވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.