ސިއްހަތު

ސާކް ޤައުމުތަކުން، ސިއްޙީ މައްސަލަތައް ގުޅިގެން ހައްލުކުރަނީ


ސާކް ޤައުމުތަކުން އެންމެ އިސްކަން ދީގެން ހައްލުކުރަން ބޭނުންވާ ސިއްޙީ މައްސަލަތައް ހައްލުކުމަށް ޤައުމުތައް ގުޅިގެން މަސަކަތްކުރުމަށް ސާކް ޤައުމުތަކުން އެއްބަސްވެއްޖެއެވެ.

މިކަމަށް ސާކް ޤައުމުތަކުން އެއްބަސްވީ މިހާރު ސްރީލަންކާގެ ކޮލޮންބޯގައި ކުރިއަށްދާ ސަރަހައްދީ ޤައުމުތަކުގެ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ސާކް ޤައުމުތަކުން އިސްކަންދީގެން ހައްލުކުރަން ބޭނުންވާ ސިއްޙީ މައްސަލަތައް ހިމަނައިގެން އެކުލަވާލާފައިވާ ޤަރާރު، ''ކޮލޮމްބޯ ޑެކްލެރޭޝަން: ކޯލިންގ ފޯރ އެކްސެލެރޭޓެޑް ޕްރޮގްރެސް އޮން ކީ ރީޖަނަލް ހެލްތު އިޝޫޒް'' ތަންފީޒް ކުރުމަށް ސާރކް ޤައުމުތަކުން ވަނީ އެއްބަސްވެފައެވެ. މިޤަރާރު އެކުލަވާލާފައިވަނީ މި މަހުގެ 27 ން 28 ށް ކޮލަމްބޯގައި ބޭއްވި ސާކް ޤައުމުތަކުގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުގައި އެޤައުމަކަށް އެންމެ މުހިއްމު ކަންކަން ފާހަގަކޮށް، ސަރަހައްދީ ގޮތުން ސިއްޙީ ކުރިއެރުން ގެނައުމަށް އަމާޒުކުރެވިގެން ބޭއްވެވި މަޝްވަރާތަކަށްފަހުގައެވެ. މި ޤަރާރުގައި އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ހިމެނިފައިވަނީ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ސާރކް ޤައުމުތައް ގުޅިގެން އެއްކޮށް މަސައްކަތް ކުރުމެވެ.

ސްރީލަންކާގެ ކޮލަމްބޯގައި މިހާރު ކުރިއަށްދާ ސާރކް ސަރަހައްދުގެ ޞިއްޙަތާބެހޭ ވަޒީރުންގެ ހަވަނަ ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރައްވަނީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މިބައްދަލުވުމުގައި މިނިސްޓަރ ކުރެއްވި ތަޤްރީރުގައި ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދަމުންދާ ކާމިޔާބީތަކާއި، ލިބިފައިވާ ކުރިއެރުންތަކާއި އަދި ހުރި ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ. އަދި  ރާއްޖެއަށް އެތެރެވާ މީހުންނަކީ ގައިންގައިން އަރާ ބަލިތަކުން ރައްކާތެރިވެފައިވާ ބައެއްކަން ކަށަވަރު ކުރުމާއި އެކަމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމުގައި ސިއްޚީ ދާއިރާއިން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކުން އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.