ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ޓެކުހާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ޓެކްސް ވީކެއް ފަށައިފިއެވެ.
ޓެކްސް ވީކްގެ ޙަރަކާތްތައް ކުރިއަށްދާނީ އިއްޔެއިން ފެށިގެން މިމަހުގެ ބާރަވަނަ ދުވަހުގެ ނިޔަލަށެވެ.
ޓެކުހާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ޓެކްސް ވީކަކީ މީރާގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މީރާގެ ޑެޕިއުޓީ މެނޭޖަރ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން އަބުދުލްޣައްފާރު ޢަބްދުﷲ ވިދާޅުވީ، ޓެކްސް ދައްކާ ފަރާތްތަކާ ޢާންމުންނަށް އަމާޒުކޮށް ޓެކުހަށް ހޭލުންތެރިކުރުމުގެ ގިނަ ޙަރަކާތްތަކެއް ޓެކްސް ވީކްގައި ކުރިއަށްގެންދާނޭކަމަށެވެ.
މި ޙަރަކާތްތައް މާލޭގެ އިތުރަށް އަތޮޅުތެރޭގެ ރަށްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޙަރަކާތްތަކުގައި މީރާގެ ޚިދުމަތްތަކާއި މީރާގައި ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ލިބޭނެކަމަށް ޣައްފާރު ވިދާޅުވިއެވެ.
"ޓެކްސް ވީކް" ގެ ނަމުގައި ހިންގާ، ޓެކުހަށް ހޭލުންތެރިކުރުމުގެ ގޮތުން އެއް ހަފްތާއަށް ދެމިގެންދާ މި ޙަރަކާތުގައި މީރާއިން ވަނީ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ޓެކުހާ ގުޅޭ މައުލޫމާތުތައް ދީފައެވެ. މިކަމަށްޓަކައި މީރާ އޮފީހުގައި ހިންގި މަޢުލޫމާތު ދިނުމުގެ ޙަރަކާތުގައި މާލޭގެ ސްކޫލްތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ޙަރަކާތުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ޓެކުހާ ގުޅޭ މަޢުލޫމާތުގެ އިތުރަށް މީރާގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައުލޫމާތުވެސް ދަރިވަރުންނާ ވަނީ ޙިއްޞާކޮށްފައެވެ.
މީރާގެ ހަތްވަނަ އަހަރީ ދުވަހާ ގުޅުވައިގެން ވަނީ އެއޮތޯރިޓީގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން އޮގަސްޓްމަހުގެ އަށްވަނަ ދުވަހު ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް މީރާއިން ބުނެއެވެ.