ޚަބަރު

އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހްނިޔާ


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް(ކ)، އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު(ވ)-

އިންޑިޔާގެ 70 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ރާމް ނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ރައީސަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ރައީސަށާއި، އިންޑިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށް، މިނިވަން ދުވަހުގެ މުނާސަބަތުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި، އިންޑިޔާއާ ދެޤައުމުގެ ދޭތެރޭ އޮތް ގާތް އަޚުވަންތަ ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެ، އިންޑިޔާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.