މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމުގައި ހުންނެވި ޑރ އަޒީމާ އާދަމް އިސްތިއުފާ ދެއްވައިފިއެވެ. އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމުން ޑރ އަޒީމާ އާދަމް އިސްތިއުފާދެއްވިކަން އިއުލާނުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްތިއުފާދެއްވިކަން އިއުލާނުކުރައްވަމުން ގަވަރުނަރު ޑރ އާއިޝަތު އަޒީމާ ވިދާޅުވީ، އެކަމަނާ އިސްތިއުފާދެއްވަން ނިންމެވީ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން މިވަގުތު ރާއްޖޭގައި ހުރެވެން ނެތުމުންކަމަށެވެ. ގަވަރުނަރުކަމުން ޑރ އަޒީމާ އިސްތިއުފާދެއްވީ އދ ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް އެކަމަނާގެ ފިރިކަލުން ހަމަޖެއްސެވުމާއި ގުޅިގެން ދިރިއުޅުން އެމެރިކާގެ ނިއުޔޯކަށް ބަދަލުކުރެއްވުމުންނެވެ.
އިސްތިއުފާ ދެއްވިކަން އިއުލާން ކުރުމަށް ބޭއްވި މި ބައްދަލުވުމުގައި އެމްއެމްއޭއަށް ކޮށްދެއްވި ޚިދުމަތް ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ އަޒީމާ އާދަމް ވިދާޅުވީ، އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމަކީ އެކަމަނާގެ ހަޔާތުގައި އެންމެ އަދާކުރައްވަން ބޭނުންފުޅުވި ވަޒީފާކަމަށެވެ. ޑރ އަޒީމާ އާދަމް އެމްއެމްއޭގައި ޚިދުމަތްކުރައްވަން ފައްޓަވާފައިވަނީ އުމުރުން ނަވާރަ އަހަރުގައި. ޑރ އަޒީމާ އާދަމް ވިދާޅުވީ، ގަވަރުނަރުކަމުގެ މަޤާމުގައި ހޭދަކުރިދުވަސްތަކުގައި ޤައުމަށާއި ދިވެހިރައްޔިތުންނަށް ކޮށްދެވުނު ޚިދުމަތްތަކާއިމެދު ހިތްހަމަ ޖެހިވަޑައިގަންނަވާކަމަށެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޑރ އަޒީމާ އާދަމް ވިދާޅުވީ، ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ދަށް އިންޓްރަސްޓް ރޭޓެއްގައި ގެދޮރުގަތުމަށް ލޯނު ލިބޭނޭ ފުރުސަތު ތަނަވަސް ވެގެންދިޔަކަމީ ގަވަރުނަރުކަމުގެ މަޤާމުގައި ހޭދަކުރި ދުވަސްތަކުގައި ފާހަގަކޮށްލެވުނުކަމެއްކަމަށެވެ.
ޑރ އަޒީމާ އާދަމް ވަނީ އެމްއެމްއޭގައި ހޭދަކުރި މުއްދަތުގައި އެތަނުގެ މުއައްޒަފުންގެ ފަރާތުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ލިބުނު އެއްބާރުލެއްވުން ފާހަގަކުރައްވައި އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ޑރ އަޒީމާ އާދަމް އެމްއެމްއޭގެ ގަވަރުކަމުގެ މަޤާމަށް އައްޔަނުކުރައްވާފައި ވަނީ މީގެކުރިން ގަވަރުނަރުކަމުގެ މަޤާމުގައި ހުންނެވި ޑރ ފަޒީލް ނަޖީބު މަޤާމުން އިސްތިއުފާދެއްވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމަށް ޑރ އަޒީމާ އާދަމް އައްޔަނުކުރައްވާފައިވަނީ ދެހާސް ސާދަވަނަ އަހަރުގެ އޭޕްރިލްމަހުގެ ވިހިވަނަ ދުވަހުއެވެ.