ޚަބަރު

ދަރިވަރުންނަށް ޚާއްސަ ޕާކްތަކެއް ތަރައްޤީކުރާނަން- ރައީސް


ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި ތަޢުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ފިލާވަޅު ދަސްކުރަން ތިބެވޭގޮތަށް ގިނަ ވަޞީލަތްތަކާއެކު އިންތިޒާމްތައް ޢާންމު ތަންތަނުގައި ޤާއިމްކުރައްވާނެކަމަށް ރައީސލުމްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރަސްރަނި ބަގީޗާ ތަރައްޤީކުރުމަށް ދިވެހި ސިފައިން ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު ދެންނެވުމުގެ ގޮތުން ދިވެހި ސިފައިނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިފައިންނާ ބައްދަލުކުރައްވާ ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖްތަކުގައި ތަޢުލީމް ހާސިލްކުރަމުން އަންނަ ބައެއް ދަރިވަރުންނަށް ފިލާވަޅު ދަސްކުރުމަށް ދަތިތައް ކުރިމަތިވާކަމަށެވެ. އެހެންކަމުން އެފަދަ ކުދިން ދުވާލާއި ރޭގަނޑު ފިލާވަޅު ދަސްކުރުމަށް ތިބެވޭނެ އިންޒާމްތަކެއް ސަރުކާރުގެ އާންމު ތަންތަނުގައި ވަރަށް އަވަހަށް ހަމަޖައްސަވާނޭކަމަށެވެ. އެގޮތުން ދެން އެންމެ އަވަހަށް ތަރައްޤީކުރާ ޕާކް ތަރައްޤީކުރައްވާނީ އެފަދަ އިންތިޒާމްތަކާއި ވަސީލަތްތަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/15038302540123.jpg|ރަސްރަނި ބަގީޗާ ތަރައްޤީކުރުމަށް ދިވެހި ސިފައިން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔަމީން ވިދާޅުވީ، މާލޭގެ ގޭތެރޭގެ ޖަގައަކީ ކުޑަ އަދި ތަނަވަސް ތަނަކަށް ނުވުމާއެކު ކުޑަކުދިންނަށް ނާޖާއިޒް އަދި ނުރައްކާތެރި ވާހަކަތައް އަޑުއިވެމުން އަންނަކަން ފާހަގަކުރައްވާފައެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކުރައްވަމުން ރައީސް ޔަމީން ވިދާޅުވީ، މާލޭގައި ގިނަ ބަގީޗާތަކާއި ކުޑަކުދިންގެ ޕާކްތައް ތަރައްޤިކުރުމުގެ ބޭނުމަކީވެސް އެކުދިންގެ ޚިޔާލާއި ފިކުރު ގޭތެރެއިން ބޭރަށްނެރެ، އެކުދިންގެ ޚިޔާލު ފުޅާކުރުންކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޢާއިލާއާއި މުޖުތަމަޢުގެ އެހެންކުދިންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ދިނުންކަމަށެވެ. ރައީސް ވަނީ ރަސްރަނި ބަގީޗާ ކުޑަ ވަގުތުކޮޅެއްގެ ގެތޭގައި ވަރަށް ފުރިހަމައަށް ދިވެހި ސިފައިންގެ މަސައްކަތުން ނިންމައިދެއްވީތީ ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ. މި މަސައްކަތުގައި ސިފައިންގެ ހުނަރާއި ފަންނު ވަރަށް ބޮޑަށް ފެންނަންހުރިކަން ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/15038302174299.jpg|ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ ސިފައިން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ރަސްރަނި ބަގީޗާ ތަރައްޤީކުރުމަށް ހައުސިންގ މިނިސްޓްރީން އެކުލަވާލާ ތައްޔާރުކުރި ކޮންސެޕްޓަށް ސިފައިން އިތުރު ފުރިހަމަކަމެއް ގެންނަވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިކަންކަމަކީ ކުޑަކުދިންނާއި ޢާއިލާތަކުން ބަލައިގަންނާނެ ކަންކަންކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި ވަނީ، ރައްޔިތުންނާއި ކުޑަކުދިންނަށްޓަކައި ކުރެވޭ ޤައުމީ މިފަދަ ކޮންމެ ކަމެއްގައި ސިފައިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިއީ ސިފައިން ވަރަށް ޝައުގުވެރިކަމާއެކު ކުރެއްވި މަސައްކަތެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ޤައުމީ މަސައްކަތްތަކުގައި ސިފައިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށެވެ.

މި ބައްދަލުވުމުގައި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.