ޚަބަރު

ގާސިމްގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސަން އަންގަވައިފި


ޤާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ލިބެންޖެހޭ ބޭސްފަރުވާގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތަށް ފުރިހަމަކުރުމަށް އަންގައި ހޯމް މިނިސްޓަރ އަޒްލީން އަހްމަދު، ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސިޓީއަކާއި ހަވާލާދީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު ޝިޙާނަށް އެޑްރެސް ކުރައްވައި ހޯމް މިނިސްޓަރު ފޮނުވި ސިއްރު ސިޓީގައި ބުނެފައިވަނީ، މިމަހުގެ ސައުވީސް ވަނަ ދުވަހުގެރޭ، ކްރިމިނަލް ކޯޓުން މ. މާފަންނުވިލާ ޤާސިމް އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ހުކުމްގައި، ޤާސިމް އިބްރާހީމް ބެއްލެވި ޑޮކްޓަރާއި ހަވާލާދީ، ޤާސިމްގެ ބަލިހާލަތު ހުރިގޮތުންނާއި، ޑޮކްޓަރު ލަފާދެއްވި ޓެސްޓުތައް ހެދުމާއި، ލިބެންޖެހޭ ފަރުވާތައް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް، ކަމާއިގުޅޭ މުއައްސަސާތަކަށް އަމުރުކޮށްފައިވާތީ،  ޑޮކްޓަރުގެ ލަފާގައިވާގޮތުގެ މަތިން ޤާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ލިބެންޖެހޭ ފަރުވާލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމައްޓަކައި ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ވީއެންމެ އަވަހަކަށް ފުރިހަމަކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް އަންގަވާކަމަށެވެ. 

މީގެއިތުރުން ހޯމް މިނިސްޓަރުގެ ސިޓީގައި ޤާސިމް އިބްރާހިމް ބެއްލެވި ޑޮކްޓަރުން އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ރައްޖެއިން ބޭރުން ހަމަޖެއްސުމަށް ލަފާދެއްވިނަމަވެސް ކްރިމިނަލް ކޯޓުން ކުރެއްވި ހުކުމްގެ ކުރިން، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ޤާސިމް އިބްރާހީމް އެދިފައިނުވާކަން ވަނީ ފާހަގަކުރައްވާފައެވެ. 

ނަމަވެސް ޤާސިމް އިބްރާހިމްގެ ސިއްޚީ ހާލުކޮޅާއި ބެހޭ ގޮތުން، ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކަންކަން ހަމަޖެއްސުމައްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ހަމަޖެއްސުމުގައި ވަގުތު ނަގާނަމަ، އެކަންކަން ހަމަޖެހެންދެންވެސް ޤާސިމްގެ ބޭސްފަރުވާގެ ކަންކަން ފުރިހަމައަށް ގެންދިއުމަށް ހޯމް މިނިސްޓަރ ވަނީ މިސީޓީގައި އަންގަވާފައެވެ. އަދި އެކަމައްޓައި ރާއްޖެއިން ބޭރުން ޑޮކްޓަރުން ނުވަތަ ސުޕަޝަލިސްޓުން ގެންނަވަން ޤާސިމް ބޭނުންފުޅުވެލައްވާނަމަ، މީގެ ކުރިންވެސް އެތަނަވަސްކަން ހުރި ފަރާތްތަކަށް އެފުރުސަތު ތަނަވަސްކޮށްދެއްވާފައިވާ ފަދައިން، ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ގެނައުމުގެ އިޚްތިޔާރު ޤާސިމަށް ދެއްވުމަށާއި، އެފަދަ ގޮތަކަށް ގެންނަ ޑޮކްޓަރުންނަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ވަސީލަތްތައް ބޭނުންކުރުމާއި، އިތުރު ވަސީލަތްތައް ޤާއިމްކޮށްގެންވެސް ޤާސިމް އިބްރާހީމަށް ފަރުވާދެވޭނެ ފުރުސަތު އޮތްކަން އަންގަވައިދެއްވުމަށް މިނިސްޓަރ އަޒްލީން އަހްމަދުގެ ސީޓީގައި ކަރެކްޝަނަލް ސަރވިސްއަށްވަނީ އަންގާފައެވެ.

ގާސިމަށް މިދިޔަ ބުރާސްފަތި ދުވަހު އައި.ޖީ.އެމް.އެޗުގައި ފަރުވާދޭން ފެށީ ޤާސިމްގެ ހިތުގެ ވިންދު އަވަސްވުމުގެ ސަބަބުން އަނބުރައި ގަނެގެންކަމަށް އެހޮސްޕިޓަލުން ބުންޏެވެ. ކަރެކްޝަނަލް ސަރވިސްގެ ބެއްލެވުމުގެ ދަށުން، މިހާރުވެސް ޤާސިމަށް ގެންދަނީ އައި.ޖީ.އެމް.އެޗްގައި އޮބްޒަވޭޝަނަށް ފަރުވާދެމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމަށް ހުށައެޅުމުގެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުންވަނީ، 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ޙުކުމް ކޮށްފައެވެ. ޤާސިމްގެ ޣައިރު ޙާޟިރުގައި ކްރިމިނަލް ކޯޓުން މިމަހުގެ ސައުވީސް ވަނަ ދުވަހުގެ ރޭ ކުރި މި ޙުކުމްގައިވަނީ، ޖަލުޙުކުމެއް ތަންފީޛް ކުރަމުންދިއުމަކީ ބޭސްފަރުވާ ހޯދުމަށްއޮތް ހުރަހަކަށް ނުވާނެކަމަށެވެ.

ޤާސިމްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެ ޖަލަށް ލުމަށް ޙުކުމް ކުރުމާއެކު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީދާއިރާގެ މެމްބަރުކަމުން ޤާސިމް ވަނީ ވަކިވެފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުންވެސް ޤާސިމް އިބްރާހީމް ވަނީ ވަކިވެފައެވެ.