ކުދި ވިޔަފާއިއާއި މެދުފަންތީގެ ވިޔަފާރީގެ ތެރޭގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް އިތުރުކަމަށާއި ނަމަވެސް ވިޔަފާރީގައި ކުރިއަށްދިއުމާބެހޭ މަޢުލޫމާތު އެފަރާތްތަކަށް ނުލިބޭކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ރަޖިސްޓްރަރ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.
ވިސާމް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ވިމެން އޮން ބޯރޑް ގުޅިގެން ކުދިވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރީގައި އަންހެނުން ބާރުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ ވޯކްޝޮޕްގައި ވާހަކަދައްކަވަމުންނެވެ. ވިޔަފާރީގައި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވިސާމް ވިދާޅުވީ މި ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ވިމެން އޮން ބޯޑުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި މީގެ ފައިދާ މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ލިބިގެންދާނެކަމަށެވެ.
ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުރާއިރު އަންހެނުންނަށް ގިނައިން ވަޒީފާދޭ ވިޔަފާރިތަކަށާއި އަންހެންގެ އިސްނެގުމާއިއެކު ހުށަހަޅާ ޕްރޮޕޯސަލްތަކަށް ލޯނުދޫކުރުމަށް އިސްކަންދެއެވެ.
ވިމެން އޮން ބޯޑުން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ގިނަ އަންހެނުން ވަނީ ބައިވެރިވެފައެވެ.