އީދު ބަންދާ ގުޅިގެން އެތެރޭގެ އުދުހުންތަކަށް ބާރުބޮޑުވެފައިވާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
ޢީދު ބަންދަކީ އަބަދުވެސް އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ ދުވަސްވަރެކެވެ. އެގޮތުން ޢީދު ބަންދާ ދިމަކޮށް މޯލްޑިވިއަންގެ ވައިގެ އުދުހުންތަކަށް ޑިމާންޑް ބޮޑުވެފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ބުނީ އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ނުވަދިހަ އިންސައްތަ މިހާރުވެސް ފުލްވެފައިވާކަމަށާއި މިހާރު ހުރީ ވަރަށް މަދު ޓިކެޓްތަކެއް ކަމަށެވެ. އެންމެ ބޮޑަށް ޑިމާންޑް ބޮޑީ އާބާދީ ބޮޑެތި ސަރަހައްދުތަކަށްކަމަށް ނަޝާތު ފަހަގަކުރިއެވެ.
އެތެރޭގެ އުދުހުންތަކުގެ އިތުރުން ރާއްޖޭން ބޭރުގެ ބައެއް ޤައުމުތަކަށް ވެސް ބޮޑު ޑިމާންޑެއް ލިބެމުން އަންނަކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
ޢީދު ބަންދުގައި ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއާއި އަދި އެހެނިހެންވެސް ބޭނުންތަކަށް ރާއްޖޭން ބޭރަށް ދަތުރުކުރެއެވެ. އެގޮތުން އެންމެ ޑިމާންޑުބޮޑީ އިންޑިޔާގެ ސިޓީތަކަށް ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
އީދު ބަންދާއި އެހެނިހެންވެސް ޗުއްޓީތަކަށް ދިމާކޮށް ކޮންމެ ފަހަރަކުވެސް މޯލްޑިވިއަނުން އަންނަނީ ޚާއްސަ ފެއާރތަކެއް ކުރިއަށްގެންގޮސް ޓިކެޓްތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ދެމުންނެވެ. އެގޮތުން މިފަހަރުވެސް ޖުލައި މަހުން ފެށިގެން މިފަދަ ފެއަރތަކެއް ހުޅުވާލާފައިވާކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.