ޚަބަރު

އޮޕަރޭޝަން އަޟްހާ: ކޯސްޓްގާޑުން 92 އުޅަނދެއް ބަލާފާސްކޮށްފި


އަޟްޙާ ޢީދު ބަންދާ ދިމާކޮށް އުޅަނދުތައް ބަލައި ފާސްކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާ އޮޕަރޭޝަނުގައި މާލޭގެ ބަނދަރުތަކުން ފުރި 92 އުޅަނދެއް ބަލާފާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކަނޑު އުޅަނދުތައް ބަލައި ފާސްކުރުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަކޮށްފައި ހުރިތޯ ބަލާފައިވާކަމަށެވެ. މީގެތެރޭގައި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމާއި، އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމާއި އަދި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެހެން ބައެއް ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުން ހިމެނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

img:http://s3.psmnews.mv/images/660x400/15043543904063.jpg|އެމްއެންޑީއެފުން ކުރިއަށްގެންދާ ކަނޑު އުޅަނދު ބަލާފާސްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މި އޮޕަރޭޝަންގައި، ތިން ދުވަހުގެ މަތިން މާލޭގެ ބަނދަރުތަކުން 92 އުޅަނދެއް ބަލައި ފާސްކުރެވުނުއިރު، މީގެ ތެރެއިން ސަލާމަތީ ކަންކަން ފުރިހަމަ ނުވާ 19 އުޅަނދެއް ދަތުރުކުރުން ހުއްޓުވައި، ނަސޭހަތް ދެވިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި، ބަލައި ފާސްކުރެވުނު އުޅަނދުތަކުގެ ތެރެއިން 63 އުޅަނދެއްގައި، ސަލާމަތީގޮތުން ހުންނަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅިފައިހުރިކަން އެމްއެންޑީއެފުން ފާހަގަކުރައްވައެވެ.

މި އޮޕަރޭޝަންގެ ތެރެއިން، ޢީދު ބަންދު ނިމިގެން އެނބުރި މާލެއަށް އަންނައިރު ވެސް ބަނދަރު ސަރަހައްދުންނާއި ކަނޑުމަތިން އެމްއެންޑީއެފް ކޯސްޓްގާޑުން އުޅަނދުތައް ބަލައި ފާސްކުރާނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޢީދު ބަންދަށް ގިނަ ބަޔަކު މާލެއިން އަތޮޅު ތެރެއަށް ފުރުމާ ދިމާކޮށް ކަނޑު އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ފަށާފައިވަނީ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އަދި، "އޮޕަރޭޝަން އަޟްހާ" ގެ ނަމުގައި ކޯސްޓްގާޑުން ފެށި މި އޮޕަރޭޝަން އޯގަސްޓް މަހުގެ 30، 31 އަދި މިމަހުގެ 1 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.