ޚަބަރު

މިޔަންމާއާއެކު އޮތް ވިޔަފާރި ގުޅުން ކަނޑާލައިފި


މިޔަންމާގެ މުސްލިމުންނާ މެދު އެ ޤައުމުގެ ސަރުކާރާއި ސިޔާސީ ލީޑަރުންނާއި، ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާ ގުޅިގެން، ރާއްޖެއާއި އެޤައުމާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން މިއަދު ނިންމައިފިއެވެ.

މިރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރާ ކަމަށާ، މިގުޅުން ކަނޑާލީ، މުސްލިމުންނާ ދެކޮޅަށް މިއަންމާގައި ހިންގާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމުގައި އެ ގައުމުގެ ސަރުކާރުން ފިޔަވަޅު އަޅަންދެންކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.

ރާއްޖެއިން ގަބޫލުކުރާގޮތުގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތަކާއި ލޭއޮހޮރުވުންތައް ހުއްޓުވުމަށް، ބައިނަލްއަޤްވާމީ ދުނިޔެއިން އަވަސް ފިޔަވަޅުތަކެއް އަޅަންވަނީ ޖެހިފައެވެ. މިކަން ފާހަގަކޮށް ދިވެހި ޚާރިޖީ ވުޒާރާއިން ވިދާޅުވި، މިޔަންމާއިން އެގައުމުގެ ބައިމަދު މުސްލިމުންނާއި ދެކޮޅަށް ހިންގާ ލޭއޮހޮރުވުންތަކާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއެއް އަޅަންދެން އެގައުމާއެކު ވިޔަފާރީގެ އެއްވެސް ގުޅުމެއްބާއްވަން ދިވެހިރާއްޖެއިން ބޭނުންނުވާކަމަށެވެ.

ރާއްޖެ އިން ވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިއަންމާގައި ހިންގާ އިންސާނީ ހައްޤުތަކާ ޚިލާފު އަނިޔާވެރި އަމަލުތަކުގެ މައްސަލަ ބެލުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލަށާއި އިންސާނީ ހައްޤުތަކާބެހޭ ކައުންސިލަށް ވެސް ގޮވާލައިފައެވެ.