އިންޓަރނެޓް ބޭންކިންގ އަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް ބޭންކް އޮޕް މޯލްޑިވްސްއިން ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
މިމަހުގެ އެކަކުން ތިރީހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިންގެ ހަރަކާތްތައް ބީއެމްއެލްގެ ހުރިހާ ބްރާންޗުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.
މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އާބާދީ ބޮޑު އެކި ރަށްރަށުގައި ޚާއްސަ ރޯޑް ޝޯތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ. މި ރޯޑް ޝޯގައި އިންޓަރނެޓް ބޭންކިންގާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި އެޕްލިކޭޝަން ބަލައިގަތުމާއި، ވަގުތުން އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީކުރެވޭނެ ކަމަށާއި ކާޑު އެޕްލިކޭޝަންވެސް ބަލައިގަންނާނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ. ރޯޑް ޝޯ މިހާރު އައްޑު ސިޓީގައި ކުރިއަށްދާ އިރު، އައްޑޫ ސިޓީގެ ތިން ރަށަކަށް ރޯޑް ޝޯގައި ޒިޔާރަތްކުރާނެއެވެ.