ޚަބަރު

ރޮހިންޔާ މުސްލިމުންގެ އެހީތައް މިޔަންމާއިން ހުއްޓުވައިފި


މިޔަންމާގެ އުތުރުގެ ރަކާން ސްޓޭޓްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދން ކުރަމުންދިޔަ މަސައްކަތްތައް، މިޔަންމާގެ އަސްކަރިއްޔާއިން ހުއްޓުވައިފިއެވެ.

މިޔަންމާގައި، އެގައުމުގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް މިޔަންމާގެ ސަރުކާރަށް ބާރުއެޅުމަށް، އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރު ވަނީ މިޔަންމާއަށް ވަޑައިގެންފައެވެ.

އޯގަސްޓު މަހުގެ 25 ވަނަ ދުވަހު މިޔަންމާގެ ރޮހިންޔާ ނަސްލުގެ ހަނގުރާމަވެރި ޖަމާޢަތަކުން އެގައުމުގެ ސަލާމަތީ ބާރުތަކުގެ 30 ޕޯސްޓަކަށް ދިންކަމަށް ބުނާ ހަމަލާއަށްފަހު ކަމަށް ބުނެ، ރޮހިންޔާ މުސްލިމުން އެންމެ ގިނައިން ދިރިއުޅޭ ރަކާން ސްޓޭޓްގައި މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.

އެގޮތުން ހަނގުރާމަވެރިން ހުއްޓުވުމަށް ކަމަށްބުނެ މިޔަންމާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން އަދި މުސްކުޅިންވެސް މަރާމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާއިން ބުނެއެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ތައިލޭންޑްގެ ޖަމާޢަތެއް ކަމަށްވާ ފޯރޓިފައި ރައިޓްސުން ދާދި ފަހުން ޝާއިޢުކުރި ރިޕޯޓެއްގައި، މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ ޖަރީމާތައް ލޮލުން ދެކިފައިވާ މީހުންގެ ބަޔާންތަކަށް ހަވާލާދީ ބުނެފައިވަނީ، އަސްކަރިއްޔާ އާއި ރަކަން ސްޓޭޓްގައި ދިރިއުޅޭ އެހެނިހެން ނަސްލުތަކުގެ މީހުންވެސް، ރޮހިންޔާ މުސްލިމުން މަރަމުންދާކަމަށެވެ. މިގޮތުން އެބައިމީހުން ދިރިދިރިތިއްބާ ހުޅުޖަހައި މަރަމުންދާކަމަށްވެސް އެމީހުން ބުނެއެވެ.

މި ރިޕޯޓަށް މަޢުލޫމާތުދިން އެކަކު ބުނީ، ނުވަ އަހަރާއި ދިހަ އަހަރުގެ ކުޑަ ދެކުދިން ޤަތުލުކޮށްފައި އޮތް ތަންވެސް އޭނާއަށް ފެނުނުކަމަށެވެ. ސައުދީ ޢަރަބިއްޔާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށްފައިވާއިރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު މުސްލިމު ގައުމު އިންޑޮނޭޝިޔާއިން ވަނީ، އެގައުމުގެ ޚާރިޖީ ވަޒީރު މިޔަންމާއަށް ފޮނުއްވާފައެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ، އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރު ރެތުނޯ މަރްސޫދީ މިޔަންމާއަށް ފޮނުއްވީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ކަމަށާއި، މީގެ ތެރޭގައި މިޔަންމާގައި ހަރަކާތްތެރިވާ އދގެ އިދާރާތައްވެސް ހިމެނޭ ކަމަށެވެ.

ވިޑޯޑޯ ވިދާޅުވީ، މިދަތުރުގައި މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވާ، އެފަދަ ފަރާތްތަކަށް އިންސާނީ އެހީދިނުމަށް ޚާރިޖީ ވަޒީރު ބާރު އަޅުއްވާނެކަމަށެވެ.

މަރްސޫދީ މިޔަންމާއަށް ވަޑައިގެންފައި މިވަނީ މިޔަންމާގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ އިންޑޮނޭޝިޔާގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ވެރިރަށް ޖަކާޓާގައި ކުރިއަށްގެންދިޔަ މިމުޒާހަރާގެ ބައިވެރިން ވަނީ މިޔަންމާގެ ލީޑަރު އައުން ސާސް ސޫޗީއަށް އަރުވާފައިވާ ނޮބެލް ސުލްޙައިގެ އިނާމު އަތުލުމަށް ވެސް ގޮވާލާފައެވެ.

ރަކަން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް މިޔަންމާގެ ސަރުކާރުން ބުނާއިރު އދން ބުނެފައިވަނީ މިއަދަދު މިއަށް ވުރެ އިތުރުވާނެކަމަށެވެ.

އަނެއްކޮޅުން، ހަމަނުޖެހުންތަކުގެ ސަބަބުން އެ ސްޓޭޓްގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް އދން ކުރަމުން އަންނަ މަސައްކަތްތަކަށްވެސް މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ހުރަސް އަޅާފައެވެ.

މިޔަންމާގައި ހުންނަ އދގެ އޮފީހުން ބުނެފައިވަނީ އެސަރަހައްދުގެ ސަލާމަތީ ހާލަތު ހުރި ގޮތުން އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތްތައް މިހާރު މެދުކަނޑާލާފައިވާ ކަމަށާ މިކަން އަލުން ފެށުމަށް މިޔަންމާގެ ސަރުކާރާ އެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.