ޚަބަރު

ރޮހިންޔާ މުސްލިމުންގެ އެތައްހާސް ބަޔަކު ޙިޖުރަކޮށްފި


މިޔަންމާގެ އުތުރުގެ ރަކާން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް ނުވަދިހަ ހާހެއްހާ މީހުން އެސަރަހައްދު ދޫކޮށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާކަމަށް ރޮއިޓަރސްއިން ހާމަކޮށްފިއެވެ.

މިއާއެކު، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކުރި މީހުންގެ އަދަދު އެއް ސަތޭކަ ސައުވީސް ހާހަށް އަރާފައިވާކަމަށް އދގެ އެހީދޭ ޖަމާޢަތްތަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކުރެއެވެ.

ބަންގްލަދޭޝްއިން ރައްކާތެރިކަން ހޯދަމުން އަންނަ ރޮހިންޔާ މުސްލިމުންނަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ދަތިވެފައިކަން އެމީހުންނަށް އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ޖަމާޢަތްތަކުން ވަނީ ހާމަކޮށްފައެވެ.

ބަންގްލަދޭޝްގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އެ ގައުމަށް އަންނަ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދުޣާން، ބަންގްލަދޭޝްގެ ރައީސް ޢަބްދުލް ޙާމިދްގެ ގާތުން އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަމުގައި ތުރުކީވިލާތުން ދޭން ގަސްދުކުރާ އެހީގެ ތަފްޞީލުތައް އަދި ސާފު ނުވާކަމަށް ބަންގްލަދޭޝްގެ ޚަރިޖިއްޔާއިން ބުނެއެވެ.