ކުޅިވަރު

ބްރޭކަށްފަހު ހުރިހާ ޓީމެއްވެސް ތަފާތުވާނެ - ސޮބާ


ބްރޭކަށް ފަހު ޓީމްތައް ނިކުންނައިރު ހުރިހާ ޓީމެއްވެސް ތަފާތުވާނެކަމަށް ކުލަބް ގްރީން ސްޓްރީޓްސްގެ ކޯޗް ސޮބާހު މުހައްމަދު ބުނެފިއެވެ. 

ސޮބާ ބުނީ މިސީޒަނަކީ ކުލަބް ގްރީން ސްޓްރީޓަށް އަދި ވަރަށް ކާމިޔާބު ސީޒަންއެއްކަމަށާއި، މިހާތަނަށް ކުލަބްގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާކަމަށެވެ. އެހެންކަމުން ކުލަބުން ނިންމީ އީދު ބަންދަށް ކުލަބްގެ ފަރިތަކުރުންތައް މެދު ކަނޑާލާ، ކުޅުންތެރިންނަށް ރެސްޓް ދިނުމަށްކަމަށެވެ. 

އީދުގައި ކުޅުންތެރިން، އެ ކުޅުންތެރިންގެ އާއިލާއާއިއެކު މަޖާކޮށްލާ ފުޓްބޯޅައިން ކުޑަވަގުތުކޮޅަކަށް ދުރުވެލުމަށްފަހު އަލުން ޓީމްގެ ފަރިތަކުރުންތައް ފަށާއިރު، ބްރޭކަށް ފަހު ކުޅުންތެރިން އަންނާނީ ވަރަށް ތާޒާކޮށްކަން ޞޮބާ ފާހަގަކުރިއެވެ. ބްރޭކަށްފަހު ނިކުންނައިރު އަތޮޅު ތެރެއިން ޕްރިމިއަރ ލީގުގައި ވާދަކުރާ ޓީމްތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަމަށްވެސް ސޮބާޙު މުހައްމަދު ބުންޏެވެ.

" އަތޮޅު ތެރޭގެ ޓީމްތަކުގެ ތެރެއިން ތިނަދޫން އަދި ތަފާތު ދައްކާނެ، ނަން ތިނަދޫ އޭ ބުންޏަސް، އެއީހަމަ ފުރަތަމަ ޑިވިޝަންގެ ޓީމެކޭވެސް ބުނެވިދާނެ ކުޅުންތެރިންނަށް ބަލާފަ. ދެން މިލަންދޫއިން މިހާރު ވަރަށް ތަފާތު ދައްކަން ފަށައިފި. މާޅޮސް އަދި ކުޑަހުވަދޫއިންވެސް ދަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން" ސޮބާ ބުންޏެވެ. 

ޞޮބާ ބުނީ މިހާރު އެއްވެސް ޓީމަކަށް ފަސޭހަ ނުވާނެކަމަށާއި، އަތޮޅު ތެރޭގެ ޓީމްތައް ބަލިކުރަންވެސް އުނދަގޫވާނެކަމަށެވެ.

މި އަންނަ އާދިއްތަ ދުވަހު އަލުން އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ފަށާއިރު، ގްރީން ސްޓްރީޓްސް މިވަގުތު އޮތީ ތާވަލްގެ ތިންވަނާގައެވެ. އެއީ ނުވަ ޕޮއިންޓާއެކުގައެވެ. ލީގްގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމްއަކަށްވެސް ބާކީ އޮތީ ތިން މެޗެވެ. ގްރީން ސްޓްރީޓްސްގެ ފުރަތަމަ މެޗުގައި ނިކުންނާނީ މާޒިޔާއާއި ދެކޮޅަށެވެ. ދެވަނަ މެޗްގައި މާޅޮހާއި ދެކޮޅަށެވެ. އަދި ތިންވަނަ މެޗްގައި ގްރީން ސްޓްރީޓްސް ނިކުންނާނީ ޓީސީއާ ދެކޮޅަށެވެ.