މުލަކަތޮޅު ކައުންސިލާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ ގުޅިގެން މުލަކަތޮޅުގެ ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ މަޤުސަދުގައި މަހާސިންތާއެއް ފަށައިފިއެވެ.
"މުލަކަތޮޅު މަހާސިންތާ 2017"ގެ ނަމުގައި ކުރިއަށްދާ މި މަހާސިންތާގައި އެއަތޮޅުގެ ހުރިހާރަށެއްގެ ކައުންސިލްތަކާއި ރަށްރަށުގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާޢަތްތަށް ބައިވެރިވެއެވެ. މަހާސިންތާ ފަށްޓަވައިދެއްވީ އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަމްޖަދު މުސްޠަފާއެވެ.
ތިންދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ މި މަހާސިންތާގައި މިއަދު ވަނީ ރަށު ކައުންސިލްތަކުންދޭ ޚިދުމަތްތަކާއި ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް ޙިއްސާކުރުމުގެ ޕްރެޒެންޓޭޝަންތައް ހުށަހަޅާފައެވެ. ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މުލަކަތޮޅު ކައުންސިލްގެ ނާއިބް ރައީސް އަޙުމަދު ޙަސަން ވިދާޅުވީ މިއީ މ.އަތޮޅުގައި އަތޮޅު ފެންވަރުގައި ބާއްވާ ފުރަތަމަ މަހާސިންތާކަމަށެވެ.
މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މަހާސިންތާ ނިމިގެންދާއިރު އަތޮޅު ކައުންސިލާއި ރަށު ކައުންސިލް ހިނގުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށް ހަމަޖެހިފައިވެއެވެ. އަދި ރަށު ކައުންސިލްތަކާއި އެކު ފުލުހުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވާކަމަށް މުލަކައަތޮޅު ކައުންސިލުން މަޢުލޫމާތުދެއެވެ. މުލަކަތޮޅު އެކި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކާއި ކުލަބު ޖަމްޢިއްޔާތަކުން މިމަހާސިންތަގައި ބައިވެރިވެފައިވާއިރު ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް މަހާސިންތާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތުދެއެވެ.