ޚަބަރު

ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅުއްވައިފި


ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށްޓަކައި ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ފިނޭންސް މިނިސްޓްރީން ނިންމަވައިފިއެވެ.

ދަޢުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި، ދެމުންގެންދާ ޚިދުމަތެއް މެދުކެނޑުނަ ނުދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކެޕިޓަލް ޚަރަދެއް ފިޔަވައި އެހެން އެއްވެސް ކެޕިޓަލް ޚަރަދެއް ނުކުރުން ހިމެނެއެވެ. އަދި ސަރުކާރުގެ އޮފީސްތަކުގައި އިތުރު ގަޑީގައި މަސައްކަތްކުރަން ނުޖެހޭގޮތަށް މަސައްކަތް ރާވައި، ޑިއުޓީ އުސޫލުން މަސައްކަތް ކުރާ އޮފީސްތައް ފިޔަވައި، ސަރުކާރުގެ އޮފީސްތައް މެންދުރުފަހު އެންމެ ލަސްވެގެން ދެގަޑި ތިރީހުގައި ބަންދުކުރުމަށްވެސް ފިނޭންސް މިނިސްޓްރީން ނެރުއްވި ސަރކިއުލާގައި ބުނެފައިވެއެވެ. މީގެ އިތުރުން ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފިޔަވައި، ބަޖެޓުން ޚަރަދުކޮށްގެން އެއްވެސް މުނާސަބާއެއް ފާހަގަނުކުރުމަށްވެސް މިސަރކިއުލާގައިވެއެވެ.