ޚަބަރު

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ޓެލެތޯނެއް ފަށައިފި


މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސާވިސް މީޑިއާ އަދި ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން ހާއްސަ ޓެލެތޯނެއް ފަށައިފިއެވެ.

"ރޮހިންޔާ މުސްލިމުންނާއެކު ދިވެހިން"ގެ ނަމުގައި ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ފެށި ދެދުވަހުގެ މި ޓެލްތޯންގައި އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސާވިސް މީޑިއާގެ އިތުރުން ރާއްޖޭގެ ގިނަ މީޑިއާތަކުން ބައިވެރިވެއެވެ. މި ޓެލްތޯންގައި ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ އެކިކޮންކޮޅުގައި ހިގަމުންދާ ހަރަކާތްތަކުގެ މައުލޫމާތުތައް ގެނެސްދެމުން ގެންދާނެއެވެ.

ޓެލެތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސާވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވީ އިސްލާމްދީނަކީ އެކަކު އަނެކަކަށް އަޅާލާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދީނެއް ކަމަށެވެ. އެހެން ކަމުން މިއަދު ފެށިގެންދިޔަ މި މަސައްކަތަކީ ވަރަށް ބަރަކާތްތެރި މަޤްސަދެއްގައި ފެށުނު މަސައްކަން އިކްރާމް ފާހަގަކުރެއްވިއެވެ. އިކްރާމް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ހާލުގައި ޖެހިފައިވާ މުސްލިމް އުންމަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމިއްލަ މަސްލަހަތަށްވުރެ ބޮޑު އިސްކަމެއްދީގެން މަސައްކަތްކުރަމުން އަންނަ ބައެއް ކަމަށެވެ. އެހެންކަމުން މި ޓެލްތޯންގައި ހުރިހާ ދިވެހިން ބައިވެރިވުމަށް އިކްރާމް ގޮވާލެއްވިއެވެ.

img:http://s2.psmnews.mv/images/660x400/15061564832113.jpg|ޓެލެތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް / ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް އެކުވެރި ބައެއް ކަމަށާއި އެގޮތުން މުސްލިމް އުންމަތްތަކަށް ދިމާވާ ކޮންމެ ކަމެއްގައި ދިވެހިންނަކީ އަބަދުވެސް ސާބިތުކަމާއެކު އެހީތެރިކަން ދީފައިވާ ބައެއްކަމެވެ. އެގޮތުން މީގެކުރިން ހިންގާ ފައިވާ ބައެއް މިފަދަ ހަރަކާތްތަކަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ކުރިޔަށްގެންދާ ޓެލެތޯންގެ ސްޓިއަރިން ކޮމެޓީގެ މެމްބަރ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކުރިން މި ޓެލްތޯން ކުރިޔަށް ގެންދިޔުމަށް ނިމްމާފައިވަނީ އެއްދުވަހަށްކަމަށެވެ. އެހެންނަމަވެސް މުވައްސަސާތަކާއި މީޑީއާތަކުން ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ހިންގާ ހަރަކާތްތައް އެއްދުވަހުން ނިންމާނުލެވޭނެތީ އެކަމަށް އެއްބާރލުން ދިނުމުގެ ގޮތުން ޓެލްތޯން ދެދުވަހަށް ކުރިޔަށް ގެންދިޔުމަށް ނިންމެވީކަމަށެވެ.

img:http://s1.psmnews.mv/images/660x400/15061565469740.jpg|ޓެލެތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މާދަމާރޭ ގެ ނިޔަލަށް ކުރިޔަށްދާ މި ޓެލެތޯންގައި ރޮހިންޔާ މުސްލިމުންގެ ޙާލަތާއި އެ މީހުންނަށް ބޭނުންވާނެ އެހީއާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެމީހުންނަށް ދެމުންދާ އެހީއާ ބެހޭގޮތުން ތަފާތު އެކި މައުލޫމާތު ދެމުންގެންދާނެއެވެ. ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް އިސްލާމީ މަރުކަޒު ސަރަހައްދުގައި ފަންޑު ފޮށިތައް ބެހެއްޓިފައިވެއެވެ. މިއަދު ފެށި ޓެލްތޯން މަދާމާރޭ ނިންމާލިނަމަވެސް ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ ތިރީސް ވަނަދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މިޓެލެތޯން ނިންމާލުމަށް މިމަހުގެ ތިރީސްވަނަ ދުވަހުގެ ރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާ ޖުމްލަ ލިބުނު ފައިސާގެ އަދަދު ހާމަ ކުރާނެ ކަމަށް ޓެލެތޯން އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މި ޓެލެތޯން ކުރިއަށްދާއިރު، ރޮހިންޔާ މުސްލިމުންނަށް ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތަކަށް ބީއެމްއެލް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ. އަދި ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އެހީތެރިވެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.