ޚަބަރު

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އަވޭކްނިންގ ފަށައިފި


އިސްލާމީ ހޭލުންތެރިކަމާބެހޭ ގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އިންތިޒާމްކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ މަހާސިންތާ ފަށައިފިއެވެ.

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އަވޭކްނިންގ 2017 މިނަމުގައި ފެށި މި މަހާސިންތާ އިފްތިތާހްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ޔުނިޔަރސިޓީން އިސްނަގައިގެން އިސްލާމިކް ފައިނެންސިންގެ ދާއިރާއިން މިފަދަ ބައިނަލް އަޤްވާމީ ކޮންފަރެންސް އެއް ބޭއްވުމަކީ ފާހަގަކުރުން ހައްގުކަމެއްކަމަށާއި، މީގެ ފައިދާ ރާއްޖެ ފަދަ އިގްތިސާދީ ގޮތުންނާއި، މާލީ ގޮތުން ކުރިއަރަމުން އަންނަ ކުޑަ ޤައުމަކަށް ކުރާނެކަމަށެވެ. 

މިނިސްޓަރ ސައީދުގެ ވާހަކަފުޅުގައި ރާއްޖެއިން މިވޭތުވެދިޔަ ތިން އަހަރެއްހާ ދުވަސްތެރޭ ފައިނޭންސިންގ ދާއިރާއިން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/15061573667402.jpg|މަހާސިންތާ އިފްތިތާހްކޮށްދެއްވުމަށްފަހު، ޝަރަފްވެރި މެހްމާން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މުސްލިމުންނާއި ޣައިރު މުސްލިމުންގެ މެދުގައި އިސްލާމީ މާލީ ނިޒާމު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރުމިނުގައި ކުރިއަރަމުން އަންނަކަމަށެވެ. އަދި މި ކޮންފަރެންސްގައި ފައިނޭންސިންގ ދާއިރާއިން ގިނަ ދިރާސާ ކަރުދާސްތައް ހުށައަޅާނެކަމަށެވެ.

އިލްމީ ދިރާސާ ކުރާ ޢާލިމުންނާއި މުފައްކިރުންނަށް އެދާއިރާއިން ފަސޭހަ ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތިން ބަހުން ނެރޭ ބައިނަލް އަޤްވާމީ މަޖައްލާ "އަލް މަންހަޖް" ނެރެދެއްވާފައެވެ. "އަލް މަންހަޖް" ނެރެދެވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މަހާސިންތާގައި ރާއްޖެއާއި ދުނިޔޭގެ އެކި ޤައުމުތަކުން އިސްލާމީ ފައިނޭންސްގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން، މަޢުލޫމާތު ދީ ދިރާސާ ކަރުދާސް ހުށައަޅާނެއެވެ. އޭގެ ތެރޭގައި އުރުދުން، މެލޭޝިއާ، ޕާކިސްތާން ސޫދާން، މިސްރު ފަލަސްތީން ހިމެނެއެވެ. 

މި މަހަސިންތާގައި ބައިވެރިވާނީ، ރާއްޖޭގެ ބޭންކިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، އިސްލާމީ ފައިނޭންސް ކިޔަވާ ދަރިވަރުންނާއި، މިދާއިރާއަށް ޝައުގުވެރިވާ އަދި މަސައްކަތްކުރާ ފަރާތްތަކެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް މުއައްސަސާތަކުންވެސް ދިރާސާ ކަރުދާސް ހުށަހަޅާ މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ޙައްޖު ކޯޕަރޭޝަނާއި، އިސްލާމިކް މިނިސްޓްރީއާއި، ޤައުމީ ޔުނިވާސިޓީއާއި، އެންޓި ކޮރަޕްޝަން ކޮމިޝަން ހިމެނެއެވެ.