ޚަބަރު

މާރާމާރީތަކާއި ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި


ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނޭކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވެއްޖެއެވެ.

މާލޭއާއި ހުޅުމާލޭގައި ހިނގި މާރާމާރީތަކާއި ގުޅިގެން ޕީއެސްއެމްއަށް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ، މާރާމާރީތައް ހުއްޓުވާ، އަމާންކަން ދެމެހެއްޓުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާނޭކަމަށާއި، އަދި މިހާރުވެސް އެމަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން މާލޭއާއި ހުޅުމާލޭގައި ފުލުހުން މިހާރު ހިންގާ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަ ކުރައްވާނޭކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 

ހޯމް މިނިސްޓަރ ވިދާޅުވީ މާލެއާއި ހުޅުމާލޭގައި ހިނގި މާރާމާރީތަކަކީ ގޭންގުތަކަކަށް ނިސްބަތްވާ ބަޔަކު ހިންގި މާރާމާރީތަކެއްކަން މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން އެނގޭކަމަށެވެ. އަދި ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުން ގެންދަވާކަމަށާއި އެމަސައްކަތުގެ ދަށުން ވަރަށް އަވަހަށް ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގް އެޅުވިގެންދާނޭކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 

ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި މާރާމާރީތަކާއި ނުރައްކާތެރި ކުށްވެރިންގެ ކިބައިން މުޖްތަމަޢުއާއި ރައްޔިތުން ރައްކާތެރިކޮށް، އަމާން ވެށްޓެއް ޤާއިމްކުރުމަށް، ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކުރައްވާނޭކަމުގެ ޔަޤީންކަން އެރުވިއެވެ. 

މާލެއާއި ހުޅުމާލޭގައި ހިނގި މާރާމާރީތަކާއި ގުޅިގެން ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. މިއޮޕަރޭޝަނު ތެރެއިން ބައެއް ތަންތަން ބަލާ ފާސްކޮށް، މިހާތަނަށް 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.