ޚަބަރު

ތެލުގެ އަގާއެކު ކަރަންޓުގެ އަގު ބޮޑެއް ނުވާނެ- ސްޓެލްކޯ، ފެނަކަ


އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނަޔަސް ކަރަންޓުގެ އަގު ބޮޑު ނުވާނެ ކަމަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އާއި ފެކަނަ ކޯރޕަރޭޝަނުން ބުނެފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 57 ލާރި މިއަދުން ފެށިގެން ބޮޑުކޮށްފައެވެ.

ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ ތެލުގެ އަގު ބޮޑުވި ނަމަވެސް ފިއުލު ސާޗާޖު އަލުން ނަގަން ނިންމާފައި ނުވާކަމަށެވެ. އެގޮތުން ސްޓެލްކޯއަށް ލިބޭ އާމްދަނީގެ %70 ޚަރަދުވަނީ ތެޔޮ ގަތުމަށްކަމަށާއި، ކުންފުންޏަށް ލިބޭ ފައިދާ އިތުރު ކުރުމުގެ ބަދަލުގައި ސްޓެލްކޯއިން ބޭނުންވަނީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ކަރަންޓްގެ ޙިދުމަތް ދިނުންކަން ޒުހޫރު ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފްވެސް ވަނީ ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުންވެސް ފިއުލްސާޗާޖް ނަގަން ނިންމާފައި ނުވާކަން ހާމަކޮށްފައެވެ. އެހެންކަމުން ތެލުގެ އަގަށް އައިބަދަލާ ގުޅިގެން ކަރަންޓުގެ އަގަށް ބަދަލެއް ނާންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ތެލުގެ ޑިއުޓީ %5އަސް ސަރުކާރުން ކުޑަކުރުމާއި ގުޅިގެން ފެނަކައާއި ސްޓެލްކޯއިންވަނީ ފިއުލްސާޗާޖު އެއްކޮށް ކަނޑާލާފައެވެ.