ދިވެހިރާއްޖެއަށް ދިމާވެފައިވާ ތަފާތު މައްސަލަތަކާއި ސިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސިއްޙީ ދާއިރާގެ ދިރާސާތައް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާކަމެއް ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފުރަތަމަ ހެލްތު ރިސާޗް ޕޮލިސީ އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރާއްޖެއަކީ ސިއްޙީ ދާއިރާގެ ދިރާސާތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޤައުމެއްކަމަށާއި އެހެންނަމަވެސް ރާއްޖެ، ދިރާސާކުރުމަށް އަހުލުވެރިވެފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސިއްޙީ ދާއިރާގެ ދިރާސާތަކަކީ ވަރަށް ޓެކްނިކަލް މަސައްކަތް ގިނަ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޢާއްމު ރިސާޗްތަކާ ޚިލާފަށް ސިއްޙީދާއިރާގެ ރިސާޗްތަކަކީ ގިނަ ވަގުތު ހޭދަކޮށްގެން ކުރެވޭ ގޮންޖެހުން ގިނަ މަސައްކަތެއްކަމަށާއި މިކަންތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރުމަށް ސައިންޓިފިކް އަދި އުސޫލުތަކާއި ގަވާއިދުތަކާއި ސުލޫކީ މިންގަނޑުތައް ކަނޑައަޅަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިސިޔާސަތުގެ ދަށުން ރިސާޗް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމުގެ މަގު ފަހިވެގެންދަނެކަމަށާއި އެކަމަށް ބޭނުންވާ މާލީ އެހީ ތެރިކަމާއި އެހެނިހެންވެސް އެހީތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން 2014 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ޤައުމީ ފެންވަރުގައި ނެރޭ ހެލްތު ރިސާޗް ބުލެޓިންގެ 4 ވަނަ ޢަދަދު މިއަދު ވަނީ ނެރެދެއްވާފައެވެ. މި ޢަދަދު ނެރެދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރްއެވެ. މިބުލެޓިންގައި ކުރިއަށް އޮތް 2 އަހަރު ރާއްޖޭގެ ސިއްޙީ ދާއިރާގައި ދިރާސާ ކުރުމަށް އިސްކަންދެވޭނެ ދާއިރާތައް ވަނީ ކަނޑައަޅާފައެވެ.
ސިއްޙީ މަޢުލޫމާތާއި ރާއްޖޭގައި ހަދާފައިހުރި ރިސާޗްތައް އެކުލެވޭ މި ފޮތް ނެރެދެއްވާ ވާހަކަދައްކަވަމުން ޑރ.އަރްވިންދް މާތުރް ވިދާޅުވީ މި ސިޔާސަތު އެކުލަވާލުމުގެ މަސައްކަތްތައް ފެށުނުތާ ކުރު މުއްދަތެއްގެ ތެރޭގައި މިވަނީ ބޮޑު މަސައްކަތެއް ނިންމާލާފައިކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި މިފަދަ ހަރުދަނާ ސިޔާސަތެއް އެކުލަވާލި ފުރަތަމަ ޤައުމަކަށް ރާއްޖެވާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ސިޔާސަތުގެ ދަށުން ރައްޖޭގައި ދިރާސާކުރައްވާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ކޮންމެ އަހަރެއްގެ ސިއްޙަތުދުވަހާ ގުޅިގެން ސަރުކާރުންދޭ އަގު ވަޒަންކުރުމާއި ހިތްވަރުދިނުމުގެ އިނާމް މިދާއިރާއަށްވެސް ދިނުމަށް ހެލްތު މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މިސިޔާސަތުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.