ތަޢުލީމު

ދަރުމަވަންތަ ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް މުޢާން ޢަބްދުﷲ


މިދިޔަ އަހަރު ދަރުމަވަންތަ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އިބްރާހީމް މުޢާން އަބުދުﷲ ހޯދައިފިއެވެ.

ދަރުމަވަންތަ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެ ސްކޫލުން މިދިޔަ އަހަރު އެކި ގޮތްގޮތުން ފާހަގަ ކުރެވުނު ދަރިވަރުންނަށްވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. މީގެތެރޭގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނާއި އޯލެވެލް އިމްތިހާނުން 8 މާއްދާއިން އޭ ފާސް ހޯދައިގެން މުޅި ރާއްޖެއިން 1ވަނަ ހޯދި ދަރިވަރުންނަށްވެސް އިނާމާ ހަނދާނީ ލިއުންދީފައިވެއެވެ.

ދަރުމަވަންތަ ސްކޫލުން މިދިޔަ އަހަރު ރަން ވަނަތައް ހާޞިލް ކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުންދެއްވީ އެޑިއުކޭޝަންމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއުއެވެ.

ދަރުމަވަންތަ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހާސިލްކުރި، އިބްރާހީމް މުޢާން އަބްދުﷲ އަކީ އޯލެވެލް ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައި މުޅި ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރެކެވެ.

img:http://s1.psmnews.mv/images/660x400/15070961647122.jpg|

ދަރުމަވަންތަ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމްދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއު ވަނީ ކިޔެވުމުގައި ހިތްވަރާއެކު މަސައްކަތްކުރުމަށް ދަރިވަރުންނަށް ގޮވާލާފައެވެ. އަދި ނާކާމިޔާބީގައި ފަހަތަށް ނުޖެހި ހިތްވަރާއެކު މަސައްކަތް ކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

ދަރުމަވަންތަ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން ދެވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މުޙައްމަދު ރާއިދު ސައީދެވެ. އަދި ތިންވަނަ ހާޞިލްކޮށްފައިވަނީ އަބްސަމް މޫސާ ޢަލީއެވެ. އިތުރު ހަރަކާތަކުން މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވުނު ދަރިވަރުންނަށްވެސް ރޭގެ ރަސްމިއްޔާތުގައި އިނާމާއި ހަދާނީ ލިޔުން ދީފައިވެއެވެ. ދަރުމަވަވަންތަ ސްކޫލުގައި މިދިޔަ އަހަރު 889 ދަރިވަރުން ތަޢުލީމް ހާސިލުކޮށްފައިވެއެވެ.