މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ނަމުގައި ޕީއެސްއެމުން ހިންގާ ޓްރެއިނިންގ އިންސްޓިޓިއުޓް، ޔުނިވަރސިޓީއެއްގެ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
އިކްރާމް މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ސެޓިފިކެޓު ޙާޞިލްކުރީ، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގައި 2016 އާއި 2017 ވަނަ އަހަރު ހިންގި ކޯސްތަކުން ދަސްވެނިވި ދަރިވަރުންމެވެ.
ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގގެ ސެނެކޯ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައިސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިމްޖާދު ޖަލީލްއެވެ. މީޑިއާގެ އެކި ދާއިރާތަކުން 82 ދަރިވަރަކުވަނީ މިރަސްމިއްޔާތުގައި ސެޓްފިކެޓް ޙާޞިލުކޮށްފައެވެ.
ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނަށް ހިންގި ޑޮރޯން ކެމެރާ ޓްރެއިނިންގ، އާއި ކަސްޓަމްސްގެ މުވައްޒަފުންނަށް ހިންގި ކޯޕަރޭޓިވް ވީޑިއޯ ޕްރޮޑަކްޝަން ފާހަގަކޮށްލެވެއެވެ. އަދި އެމްއެމްއައިގައި ހިންގި ޕްރޮގްރާމްތަކުގެ ތެރޭގައި ބޭސިކް އައިޓީ ސްކިލް ފޮރ ޕަރފޯމަންސް އެންހެންސްމަންޓާއި، އިންޓްރޮޑަކްޝަން ޓު ގްރެފިކްސް އެންޑް ސީޑީ މޭކިންގގެ އިތުރުން ޓީވީ ވެދަރ ޕްރެޒެންޓިންގއާއި ފަންޑަމެންޓަލް ވީޑިއޯ ޕްރޮޑަކްޝަންއާއި ޖަރނަލިޒަމް ހިމެނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވަނީ ޕީއެސްއެމުން ފާއިތުވި އަހަރު ހޯދި ކާމިޔާބީތައް ފާހަގަކުރައްވާފައެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިމްޖާދު ޖަލީލް ވަނީ ރާއްޖެ ބަދުނާމްވާފަދަ ގޮތްގޮތަށް ބޭރު ދުނިޔޭގައި މަޢުލޫމާތު ފެތުރުން ހުއްޓާލުމަށް، އެފަދަ ޢަމަލުތައްކުރާ ފަރާތްތަކަށް ގޮވާލައްވާފައެވެ.
ޕީއެސްއެމްގެ ދަށުން ރަސްމީ ސިފައެއްގައި ޓްރެއިނިންގ ސެންޓަރެއް ރަޖިސްޓްރީކޮށް މީޑިއާގެ ދާއިރާއިން ތަމްރީން ޕްރޮގްރާމްތައް ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. އެހެން ނަމަވެސް މި ސެންޓަރުން ދެމުންއައި ތަމްރީން ޕްރޮގްރާމްތައް ފުޅާކޮށް އިތުރުކުރުމަށްފަހު އިންސްޓިޓިއުޓްއަކަށް ބަދަލުކޮށް މީޑިއާގެ ދާއިރާގައި މީހުން ބިނާކުރުމަށް ފަށާފައިވަނީ 2015 ވަނައަހަރުއެވެ.
މީގެއިތުރުން އެމްއެމްއައިން ވަނީ އައްޑޫ ސިޓީގައި ބްރޯޑްކާސްޓިންގ ދާއިރާއަށް ބޭނުންވާ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައެވެ. އޭގެތެރޭގައި ފޭސިންގ މީޑިއާގެ ނަމުގައި މީޑިއާއާ ކުރިމަތިލުމާގުޅޭ ތަފާތު ތަމްރީން ޕްރޮގްރާމްތައް އެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވެއެވެ.
މެލޭޝިއާގެ ލިމްކޮކް ޔުނިވަރސިޓީއާއި ގުޅިގެން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ޓްރެއިލަރ ވަނީ މިރަސްމިއްޔާތުގައި އިފްތިތާޙްކޮށްފައެވެ. ޓްރެއިލަރ އިފްތިތާޙުކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ.