ތަރައްްޤީ

ސިވިލް ސަރވިސް މުވައްޒަފުންނަށް ރައީސްގެ ހަދިޔާއެއް!


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރައްވާ 7000 ހައުސިންގ ޔުނިޓްގެ ތެރެއިން 1000 ހައުސިންގ ޔުނިޓް، ސިވިލް ސަރިވިސް މުވައްޒަފުންނަށް ދެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ. 

މިކަން އިޢުލާންކޮށްދެއްވާ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި 1000 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ސިވިލް ސަރވިސް މުވައްޒަފުންނަށްކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 7000 ހައުސިންގ ޔުނިޓްގެ ތެރެއިން 1000 ހައުސިންގ ޔުނިޓް، ސިވިލް ސަރވިސް މުވައްޒަފުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ބަޔަކަށް ބަހާލައިގެނެވެ. އެގޮތުން މި 1000 ހައުސިންގ ޔުނިޓްގެ ތެރެއިން 300 ހައުސިންގ ޔުނިޓް ހާއްސަކޮށްފައި ވަނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ފަންނީ އަދި މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އަދި އިދާރީ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް 300 ހައުސިންގ ޔުނިޓް ހާއްސަކޮށްފައިވާއިރު، ބާކީ 400 ހައުސިންގ ޔުނިޓް ކަނޑައަޅާފައިވަނީ ސަޕޯޓް ސަރވިސް ލެވެލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

img:http://s4.psmnews.mv/images/660x400/9407.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޮޑެލް އެއް- ފޮޓޯ: އެޗްޑީސީ

ސަރުކާރުގެ މި ނިންމެވުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ ވަޢުދުތައް ހަޤީޤަތަކަށް ހެއްދެވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ސިވިލް ސަރވިސް މުވައްޒަފުންކަމަށެވެ. އަދި މިއީ އެ މުވައްޒަފުންގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން އެމަނިކުފާނު ނިންމެވި ނިންމެވުމެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މި ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި މާލޭގައި ދިރިއުޅޭ މާލޭ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރަށްވެހިންނާއި މެދު ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށެވެ. އަދި މި 1000 ހައުސިންގ ޔުނިޓް ޚާއްސަ ކޮށްފައިވަނީ ވަކި ވުޒާރާއަކަށް އެކަނި ނޫންކަމަށާއި، ފްލެޓްތަކަށް އެދި ކުރިމަތިލެވޭނެ އަދަދު ކަނޑައަޅާފައިވަނީ ކޮންމެ ވުޒާރާއެއްގައިވެސް މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށް ބަލައިގެންކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. މި 1000 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި މައިގަނޑު ގޮތެއްގައި ބަލާނެ ޝަރުތުތައް، މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

img:http://s3.psmnews.mv/images/660x400/15078020770646.jpg|ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީއެސްއެމް

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި 1000 ހައުސިންގ ޔުނިޓަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ޖެނުއަރީ 2018 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް ފްލެޓް ލިބޭނެ ފަރާތްތަކުގެ ފައިނަލް ލިސްޓު އާއްމުކޮށް، އެގްރީމެންޓުގައި ސޮއިކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިވިލް ސަރވިސް މުވައްޒަފުންނަށް ޙާއްސަކުރާ މި 1000 ހައުސިންގ ޔުނިޓަކީ، ސަރުކާރުން ކުރިއަށްގެންދަވާ ސޯޝަލް ހައުސިންގ ސީކްމްގެ ތެރެއިން ތަރައްޤީކުރައްވާ ހައުސިންގ ޔުނިޓްތަކެއް ކަމަށާއި، މިތަންތަން ދޫކުރާނީ މުވައްޒަފުންގެ މުސާރައިން ވިހާވެސް ލުއިގޮތެއްގައި ފައިސާ ދެއްކޭނެ އުސޫލުންކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި އެކަމުގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.