ވިޔަފާރި

އެކްސްޕޯޓްކުރި މުދަލުގެ އަގު ރެކޯޑް މިންވަރަކަށް މައްޗަށް


މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓްކުރި މުދަލުގެ އަގު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު %10 އިތުރުވެފައިވާއިރު، ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދު ވަނީ %13 އިތުރުވެފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބްތައް ދައްކާގޮތުން ހުސްވި އަހަރުގެ ސެޕްޓެމްބަރުމަހު ދިވެހިރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު މި އަދަދުވަނީ 3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަ މަހުގެ ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީންނެވެ. އެ ޤައުމުން އެތެރެކުރި މުދަލުގެ ނިސްބަތަކީ %23އެވެ. ދެން އެންމެ ގިނަ މުދާ މިދިޔަ މަހު ރާއްޖެ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. ރާއްޖެ އެތެރެކުރި މުދަލުގެ %13 އިންޑިއާއިން ހިއްސާކުރާއިރު ސިންގަޕޫރާއި ޗައިނާއިން ކޮންމެ ޤައުމަކުންވެސް %11 ހިއްސާކޮށްފައިވެއެވެ.

ހުސްވި އަހަރުގެ ސެޕްޓެމްބަރުމަހު 141 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު ވަނީ 160 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި ބޭރު ޤައުމުތަކަށް އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި މުދަލުގެ %31 އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑަށެވެ. %11 އެކްސްޕޯޓްކޮށްފައިވާ ޖަރުމަނުވިލާތަށެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ހުސްވި ސެޕްޓެމްބަރުމަހު ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %6 އިތުރުވެފައެވެ. މިއަހަރު ސެޕްޓެމްބަރުމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 216 މިލިއަން ރުފިޔާ ލިބިފައިވާއިރު ހުސްވި އަހަރުގެ ސެޕްޓެމްބަރުމަހު ލިބިފައިވަނީ 203 މިލިއަން ރުފިޔާއެވެ.

މަހަކަށްވުރެ މަހެއް ރާއްޖޭގެ އިމްޕޯޓާ އެކްސްޕޯޓް އިތުރުވަމުން އަންނައިރު ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއިއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.